މޮރޮކޯގައި އޮންނަ ބައިނަލްއަގުވާމީ ގުރްއާން މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ރާއްޖެއަށް ލިބިއްޖެ
މޮރޮކޯގައި ބޭއްވުމަށް ހަމަޖެހިފައިވާ ބައިނަލްއަގުވާމީ ގުރްއާން މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ދިވެހިރާއްޖެއަށް ލިބިފައިވާކަން ކީރިތި ގުރުއާނާބެހޭ ގައުމީ މަރުކަޒުން ހާމަކޮށްފިއެވެ.
ކީރިތި ގުރުއާނާބެހޭ ގައުމީ މަރުކަޒުން ވިދާޅުވީ، މި އޮގަސްޓު މަހުގެ 10 ވަނަ ދުވަހު މޮރޮކޯގައި ބޭއްވުމަށް ހަމަޖެހިފައިވާ މި މުބާރާތުގައި ބައިވެރިވުމުގެ ދަޢުވަތު ރާއްޖެއަށް ލިބިފައިވާ ކަމަށެވެ. މި މުބާރާތުގެ ދެ ކެޓެގަރީއެއްގައި ބައިވެރިވުމުގެ ފުރުސަތު ލިބިފައިވާއިރު، ކޮންމެ ކެޓެގަރީއަކުން އެއް ބައިވެރިއަކު ބައިވެރިކުރުމަށް ވަނީ ހަމަޖެހިފައެވެ.
މުބާރާތުގެ ކެޓެގަރީތައް
މި މުބާރާތުގައި ހިމެނޭ ފުރަތަމަ ކެޓެގަރީއަކީ މުޅި ގުރްއާން އެއްކޮށް ތަޖުވީދުގެ ހަމަތަކާއެކު ހިތުން ކިޔެވުމާއެކު، ގުރްއާނުގެ 9 ވަނަ ފޮތާއި 10 ވަނަ ފޮތުން ކަނޑައެޅޭ އާޔަތްތަކެއްގެ ތަފްސީރު ކިޔުމުގެ ބައެވެ. ދެވަނަ ކެޓެގަރީއަކީ ވިދިވިދިގެން ގުރްއާނުގެ ފަސް ހިޒްބު (2 ފޮތާއި ބައި ފޮތް) ތަޖުވީދުގެ ހަމަތަކާއެކު ތަރުތީލުކޮށް ނުބަލައި ކިޔެވުމުގެ ބައެވެ.
ދެ ޖިންސުގެ ބޭފުޅުންނަށްވެސް ބައިވެރިވެވޭ ގޮތަށް ހުޅުވާލާފައިވާ މި މުބާރާތަށް ބައިވެރިން ހޮވުމަށް ހަމަޖެހިފައިވަނީ، ކުރިމަތިލާ ފަރާތްތަކުގެ މެދުގައި ކީރިތި ގުރުއާނާބެހޭ ގައުމީ މަރުކަޒުން ބާއްވާ އިމްތިހާނަކަށް ފަހުގައެވެ. މަރުކަޒުން ވިދާޅުވި ގޮތުގައި، އުމުރުން 18 އަހަރު ނުވާ ބައިވެރިއެއް، ނުވަތަ އަންހެން ބައިވެރިއެއް ނުވަތަ ހާއްސަ އެހީއަށް ބޭނުންވާ ފަރާތެއް މުބާރާތަށް ހޮވިއްޖެނަމަ، އެ ބައިވެރިޔަކާއެކު އެއް ބެލެނިވެރިޔަކު ގެންދިއުމުގެ އިންތިޒާމް މުބާރާތް އިންތިޒާމްކުރާ ފަރާތުން ހަމަޖައްސައިދޭނެއެވެ.
މި މުބާރާތުގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކުން މެއި މަހުގެ 5 ވަނަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން ގޫގުލް ފޯމު މެދުވެރިކޮށް އެޕްލިކޭޝަން ހުށަހެޅުމަށް ކީރިތި ގުރުއާނާބެހޭ ގައުމީ މަރުކަޒުން ވަނީ އެދިފައެވެ.

