މަސްވެރިކަމުގެ ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލު ސަރުކާރުގެ ފަރާތުން ތިނަދޫ ދެކުނު ދާއިރާގެ މެންބަރު މުޙައްމަދު އަލްސަން އަހުމަދު މަޖިލީހަށް ހުށަހަޅައިފިއެވެ.
ބިލު ހުށަހަޅުއްވައި ވާހަކަދައްކަވަމުން އަލްސަން ވިދާޅުވީ މަސްވެރިކަމުގެ ޤާނޫނަށް ގެނައި އިސްލާހުގެ ސަބަބުން ޤާނޫނާ ޚިލާފަށް ހިންގާ މަސްވެރިކަމުގެ ހަރަކާތްތައް ހުއްޓުވޭނެ ކަމަށާ މި ބިލުގެ ސަބަބުން ރާއްޖޭގެ ކަނޑުގެ ވަސީލަތްތައް ހިމާޔަތް ކުރެވިގެންދާނެ ކަމަށެވެ.
މިއަދުގެ މަޖިލިސްގައި އިތުރަށް ވާހަކަ ދައްކަމުން އަލްސަން ވިދާޅުވިގޮތުގައި މަސްވެރިކަމުގެ ދާއިރާގައި ހަރުދަނާ އިދާރީ ނިޒާމެއް ޤާއިމުކުރެވި ޤާނޫނާ ޚިލާފަށް ހިންގާ މަސްވެރިކަމުގެ ހަރަކާތްތައް ހުއްޓުވޭނެ ކަމަށާއި މި ބިލުގައި މަސްވެރިކަމުގެ މެނޭޖްމަންޓް ޕްލޭންތައް އެކުލަވާލުމާއި އެކަންކަން ތަންފީޒުކުރެވޭނެ އިޖުރާޢަތްތައް ހިމެނިފައިވާނެ ކަމަށްވެސް ވިދާޅުވިއެވެ.
“މަސްތައް ދިރިއުޅޭ މާހައުލުގައި އުޅޭ އެހެން ބާވަތްތަކުގެ މަސްތަކަކީ ކޮބައިކަން، ނުވަތަ އެ މަސްތަކާ ގުޅިފައިވާ ނުވަތަ އެ މަސްތަކަށް ބަރޯސާވާ އެހެން ބާވަތުގެ މަސްތަކަކީ ކޮބައިކަން، އަދި އެ މަސްވެރިކަމުގެ ސަބަބުން އެ މާހައުލަށް ކޮށްފާނެ ނޭދެވޭ އަސަރުތައް ވަޒަންކުރަން ޖެހޭ ކަމަށް ބިލުގައި ބަޔާންކޮށްފައިވުމުގެ ސަބަބުން ކަނޑުގެ ދިރުންތައް ރައްކާތެރިކުރެވޭނެ ނިޒާމެއް މި ބިލުގައި ބަޔާންކޮށްފައިވުމީވެސް މި ބިލު މުހިންމުވާ ސަބަބެއް،” މެންބަރު އަލްސަން ވިދާޅުވިއެވެ.
ތިނަދޫ ދެކުނު ދާއިރާގެ މެންބަރު މުޙައްމަދު އަލްސަން ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ޤާނޫނަށް ހުށަހެޅުއްވި އިސްލާހުގެ ބިލަށް ގިނަ މެންބަރުން ބަހުސްކުރިއެވެ.

