މާލޭގައި ކުދިން ބައިތިއްބާ އެކޮމޮޑޭޝަނެއްގައި އުމުރުން 18 އަހަރުގެ އަންހެނަކު މަރުވި ހާދިސާއާ ގުޅިގެން، ސައްހަކަން ކަށަވަރުނުކުރެވޭ ވާހަކަތައް ނުފެތުރުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން އިލްތިމާސް ކޮށްފިއެވެ. ފުލުހުން ބުނީ މި މައްސަލަ މިހާރު ދަނީ ވަރަށް ސީރިއަސްކޮށް ތަހުގީގު ކުރަމުން ކަމަށެވެ.
ރޭގެ ދަންވަރުގެ ވަގުތެއްގައި މަރުވެފައި އޮއްވާ ފެނިފައިވަނީ ގދ. ތިނަދޫ، ދެނޫނު، މަރަޔަމް ހާސިދާ (18އ) އެވެ. ފުލުހުން ހާމަކުރި ގޮތުގައި މި މައްސަލައިގެ ވަށައިގެންވާ އެންމެހައި ކަންކަން ބަލައި، އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށްޓަކައި ކަމާބެހޭ އިދާރާތަކާ ގުޅިގެން ދަނީ މަސައްކަތް ކުރަމުންނެވެ.
މި ހާދިސާއާ ގުޅޭގޮތުން ސޯޝަލް މީޑިއާ އާއި އެނޫންވެސް ވަސީލަތްތަކުގައި ހަގީގަތާ ހިލާފު ވާހަކަތަކާއި، އަސާސެއް ނެތް ތުހުމަތުތަކުގެ އިތުރުން ވީޑިއޯ ފަދަ ތަކެތި ފަތުރަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށް ފުލުހުން ބުންޏެވެ. މިފަދަ އަމަލުތަކަކީ މަރުހޫމްގެ އާއިލާއަށް ލިބޭ އިތުރު ހިތްދަތިކަމަކަށް ވުމުގެ އިތުރުން، ފުލުހުން ހިންގަމުންދާ ޖިނާއީ ތަހުގީގަށް ހުރަސްއެޅިދާނެ ކަމެއް ކަމަށްވެސް ފުލުހުން ވަނީ ފާހަގަކޮށްފައެވެ.
ފުލުހުން ވަނީ މައްސަލައިގެ ތަހުގީގު ނިމެންދެން، ކަމުގެ ހަގީގަތް ނޭނގޭ މައުލޫމާތުތައް ނުފެތުރުމަށް އެންމެހައި ފަރާތްތަކަށް ތަކުރާރުކޮށް އިލްތިމާސް ކޮށްފައެވެ.

