މެދުއިރުމަތީގެ ވައިގެ ދަތުރުފަތުރުގެ މަގުތަކަށް ކުރިމަތިވެފައިވާ ހުރަސްތަކާ ގުޅޭގޮތުން ފަތުރުވެރިކަމުގެ ދާއިރާގެ ހިއްސާދާރުން “މޯލްޑިވްސް ޓޫރިޒަމް އިންޓެލިޖެންސް ބްރީފިން” ގައި ފުޅާދާއިރާއެއްގައި މަޝްވަރާކޮށްފިއެވެ. މި ބައްދަލުވުމަކީ މެދުއިރުމަތީގެ ހަމަނުޖެހުންތަކުގެ ސަބަބުން ވައިގެ ދަތުރުފަތުރަށް ކުރިމަތިވާ ގޮންޖެހުންތަކާއި، އެކަމުން ރާއްޖޭގެ ފަތުރުވެރިކަމަށް ކުރާނެ އަސަރުތައް ދެނެގަތުމަށް ބޭއްވި ބައްދަލުވުމެކެވެ.
ވިޒިޓް މޯލްޑިވްސްއިން ނެރުނު ބަޔާނެއްގައި ވިދާޅުވީ، މި ބައްދަލުވުމުގައި މެދުއިރުމަތީގެ ހަމަނުޖެހުންތަކުގެ ސަބަބުން ދުނިޔޭގެ ދަތުރުފަތުރުގެ ނިޒާމަށް އަންނަމުންދާ ބަދަލުތަކާއި، މެދުއިރުމަތީގެ މަގުތަކުން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދަށް ކުރާނެ އަސަރުތަކާ ގުޅޭގޮތުން މަޝްވަރާކޮށްފައިވާ ކަމަށެވެ. މީގެ އިތުރުން ބުކިންތަކަށް އަންނަ ބަދަލުތަކާއި، ފްލައިޓް ރޫޓުތަކަށް އަންނަ ބަދަލުތަކުގެ އެންމެ ފަހުގެ މަޢުލޫމާތުތައްވެސް މި ބައްދަލުވުމުގައި ވަނީ ހިއްސާކޮށްފައެވެ.
މި ބައްދަލުވުން ފައްޓަވައި ދެއްވަމުން ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަންގެ ބޯޑް އޮފް ޑައިރެކްޓަރުންގެ ޗެއަރޕާސަން ޢަބްދުﷲ ގިޔާސް ރިޔާޒު ވިދާޅުވީ، މިހާރު ކުރިމަތިވެފައިވާ ހާލަތަކީ ވަރަށް ނާޒުކު އަދި އަވަސް ފިޔަވަޅުތަކެއް އަޅަންޖެހޭ ހާލަތެއް ކަމަށެވެ. “މިއީ ގޮންޖެހުން ބޮޑު ވަގުތެއް ނަމަވެސް މިއީ އެންމެން ގުޅިގެން މަސައްކަތްކޮށް ފަތުރުވެރި ކަމުގެ ދާއިރާ އިތުރަށް ވަރުގަދަ ކުރުމަށް ލިބޭ ފުރުސަތެއް. އަޅުގަނޑުމެންގެ އަމާޒަކީ ދާއިރާގެ އެންމެހާ ފަރާތްތަކުގެ އެއްބާރުލުމާއި އިރުޝާދާއެކު މިހާލަތުން އަރައިގަނެ ފަތުރުވެރިކަން ކުރިއަށް ގެންދިއުން،” ގިޔާސް ވިދާޅުވިއެވެ.
މި ބައްދަލުވުމުގައި ސަރުކާރުގެ އިދާރާތަކާއި އަމިއްލަ ކުންފުނިތައް ހިމެނޭހެން 100 އަށްވުރެ ގިނަ ފަރާތުން ބައިވެރިވެފައިވެއެވެ. އޭގެ ތެރޭގައި ޕެސިފިކް އޭޝިއާ ޓްރެވެލް އެސޯސިއޭޝަން (ޕާޓާ) އާއި، މިނިސްޓްރީ އޮފް ޓޫރިޒަމް، ސިވިލް އޭވިއޭޝަން އޮތޯރިޓީ އަދި މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ހިމެނެއެވެ.
މި ބްރީފިންގެ ތެރެއިން ދާއިރާގެ ފަންނީ ބޭފުޅުން ވަނީ މިހާރުގެ ހާލަތާ ގުޅޭ މުހިންމު މަޢުލޫމާތުތަކާއި ތަފާސްހިސާބުތައް ހިއްސާކޮށްފައެވެ. ސަރުކާރާއި ސިނާޢަތުގެ އިސް ފަރާތްތަކުން ގުޅިގެން މަސައްކަތް ކުރުމަކީ މިފަދަ ބައިނަލްއަޤްވާމީ ގޮންޖެހުންތަކުން އަރައިގަތުމަށް އެޅޭ މުހިންމު ފިޔަވަޅެއްގެ ގޮތުގައި މި ބައްދަލުވުމުގައި ފާހަގަކުރެވުނެވެ.

