އދ. ކުނބުރުދޫގައި އިމާރާތްކުރާ ޕޮލިސް ޕޯސްޓާއި، އެ އަތޮޅު ހަންޏާމީދޫގެ ޕޮލިސް ޕޯސްޓުގެ މަސައްކަތް ކުރިއަށްދާ ގޮތް ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރުޑީސީ) ގެ ޗީފް އޮޕަރޭޓިން އޮފިސަރ މުޙައްމަދު ޝަރީފާއި އެ ކުންފުނީގެ ސީނިއަރ ޓީމުން ބައްލަވާލައްވައިފިއެވެ.
ހަންޏާމީދޫގައި އިމާރާތްކުރާ ފުލުހުންގެ މަރުކަޒުގެ ބިންގާ އަޅުއްވައިދެއްވީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު ރައީސުލްޖުމްހޫރިއްޔާ އެ އަތޮޅަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން ދާޚިލީ ސަލާމަތާއި ފަންނިއްޔާތާބެހޭ ވަޒީރު ޢަލީ އިޙްސާން އެވެ. ހަމައެއާއެކު، ކުނބުރުދޫގައި ފުލުހުންގެ ޕޮލިސް ޕޯސްޓްގެ ބިންގާ އަޅައި އަމަލީ މަސައްކަތް ފައްޓަވައިދެއްވީވެސް ވަޒީރު ޢަލީ އިޙްސާން އެވެ.
މި މަޝްރޫއުތަކަކީ ރާއްޖޭގެ ހުރިހާ ރަށެއްގައި ފުލުހުންގެ ޚިދުމަތް ފުޅާކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ ސިޔާސަތުގެ ދަށުން ކުރިއަށް ގެންދާ މުހިންމު މަސައްކަތްތަކެކެވެ. އާރުޑީސީގެ އިސް ބޭފުޅުން މި ސައިޓުތަކަށް ޒިޔާރަތްކުރެއްވީ މަސައްކަތްތައް ތާވަލާ އެއްގޮތަށް ކުރިއަށްދާކަން ކަށަވަރުކުރުމުގެ ގޮތުންނެވެ.
ސަރުކާރުގެ މައިގަނޑު އަމާޒަކީ މިއަހަރު ނިމޭއިރަށް ރާއްޖޭގެ މީހުން ދިރިއުޅޭ ކޮންމެ ރަށަކީ ފުލުހުންގެ ޚިދުމަތް ގާއިމުވެފައިވާ ރަށަކަށް ހެދުމެވެ. މި އަމާޒަށް ވާސިލުވުމަށްޓަކައި ރަށްރަށުގައި ޕޮލިސް ސްޓޭޝަންތަކާއި، ޕޮލިސް ޕޯސްޓުތަކުގެ އިތުރުން ޕޮލިސް ޑެސްކުތައް ގާއިމުކުރުމުގެ މަސައްކަތް ސަރުކާރުން އަންނަނީ ހަލުވިކަމާއެކު ކުރިއަށް ގެންދަމުންނެވެ.

