މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ ޗީފް އެގްޒެކްޓިވް އޮފިސަރ އަދި މެނޭޖިންގ ޑިރެކްޓަރުގެ މަޤާމަށް، ޙުސެއިން ޝަފީޤް މިއަދު އައްޔަނުކޮށްފިއެވެ.
ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރައިޓައިޒޭޝަން ބޯޑުން (ޕީސީބީ) ވިދާޅުވީ، އެމްޕީއެލްގެ ބޯޑު މެންބަރުކަމުގެ މަޤާމަށާއި، ސީއީއޯ އަދި އެމްޑީގެ މަޤާމަށް، ދަފްތަރު ނަންބަރ ރސ 2861، ޙުސެއިން ޝަފީޤް މިއަދުން ފެށިގެން އައްޔަނުކޮށްފައިވާ ކަމަށެވެ.
އެމްޕީއެލްގެ އެންމެ އިސްވެރިޔާގެ މަޤާމަށް އައު ބޭފުޅަކު މި އައްޔަނުކުރެއްވީ، އެ މަޤާމުގައި ކުރިން ހުންނެވި މުޙައްމަދު ރިޝްވާން އިސްތިއުފާދެއްވުމާ ގުޅިގެންނެވެ. ރިޝްވާން މަޤާމުން އިސްތިއުފާ ދެއްވާފައިވަނީ މި ހިނގާ މަހުގެ 6 ވަނަ ދުވަހުގައެވެ.
ސަރުކާރުގެ ކުންފުނިތަކުގެ ހިންގުން ހަރުދަނާކުރުމަށްޓަކައި ޕީސީބީން އަންނަނީ ކުންފުނިތަކުގެ ބޯޑުތަކަށް ބަދަލުތައް ގެންނަމުންނެވެ. އެމްޕީއެލްއަކީ ރާއްޖެއަށް އެތެރެކުރާ މުދާ ކްލިއަރ ކުރުމާއި، ބަނދަރުގެ ޚިދުމަތްތައް ފޯރުކޮށްދިނުމުގައި އެންމެ މުހިންމު ދައުރެއް އަދާކުރާ އެއް ކުންފުންޏެވެ

