ފީފާއިން އިއުލާން ކުރި ގޮތުގައި 104 މެޗަށް ވެސް އާ ބެޗެއްގެ ޓިކެޓް ފުރަތަމަ އަންނަ ފަރާތަށް ފުރަތަމަ ލިބޭ ގޮތަށް ބުދަ ދުވަހު އޮންލައިންކޮށް ވިއްކަންފަށައިފިއެވެ.
ސޭލް ފެށުމުން މެޗަށް ބަލާފައި ކެޓަގަރީ 1 އިން 3 ގެ އިތުރުން ކުރީ ސަފުގެ ގޮނޑި ކެޓަގަރީތަކުން ވެސް ޓިކެޓް ލިބޭނެ ކަމަށް ފީފާއިން ބުނެ އެވެ. ފީފާއިން ވޯލްޑް ކަޕްގެ ހުރިހާ މެޗެއްގެ އިތުރު ޓިކެޓްތައް އޭޕްރީލް މަހުގެ 22 ވަނަ ދުވަހު ދޫކުރާނީ އެ ޖަމިއްޔާގެ “ލާސްޓް މިނިޓް ސޭލް ފޭސް” ގެ ދަށުންނެވެ.
ފީފާއިން ބުނީ އެ ކުންފުނީގެ ވެބްސައިޓް ނުވަތަ ފީފާ.ކޮމް/ޓިކެޓްސް އަކީ “ފީފާ ވޯލްޑް ކަޕް 2026 ގެ ޓިކެޓް ލިބޭނެ ސައިޓު ކަމަށެވެ. އަދި ޓިކެޓްގެ އިތުރު މައުލޫމާތު ނުވަތަ އިތުރު ޓިކެޓް ހޯދުމަށް ސަޕޯޓަރުންނަށް ގަވާއިދުން ސައިޓް ޗެކް ކުރުމަށް ލަފާދޭކަމަށް ވެސް ވަނީ ބުނެފައެވެ. ތިން ކެޓަގަރީއަކަށް ބަހާލައިގެން ޓިކެޓް ލިބޭއިރު، ކެޓަގަރީ 1 އަކީ އެންމެ ކައިރި އަދި އެންމެ އަގުބޮޑު އޮޕްޝަނަކަށް ވާއިރު ކެޓަގަރީ 3 އަކީ ދުރަށް އަދި އަގުހެޔޮ ކެޓަގަރީއެކެވެ. ޓިކެޓް ގަތުމަށް ފީފާގެ ވެބްސައިޓުގައިވާ “ލާސްޓް މިނިޓް ސޭލްސް” ޕޭޖަށް ވަދެ ފުރަތަމަ ފީފާ އެކައުންޓެއް ހަދަން ޖެހެ އެވެ.
2026 ފީފާ ވޯލްޑް ކަޕްގެ ޓިކެޓްގެ އަގުތައް ވަރަށް ބޮޑަށް މައްޗަށް ގޮސްފައިވާއިރު، ގްރޫޕް ސްޓޭޖް ޓިކެޓް ގާތްގަނޑަކަށް 140 ޑޮލަރުން ފެށިގެން 500 ޑޮލަރާއި ހަމައަށް އަރާނެ ކަމަށް މާހިރުން ލަފާކުރެވެއެވެ. އަދި ފައިނަލް މެޗުގެ ޓިކެޓް ކެޓަގަރީ 1 ގެ ގޮނޑިތަކަށް 10،990 ޑޮލަރަށް މިހާރު ވަނީ އަރާފައިވެއެވެ. ހުރިހާ ޓިކެޓެއް ފީފާ މެދުވެރިކޮށް ޓިކެޓް ވިއްކަމުންދާއިރު، ޑިމާންޑް ބޮޑުވުމުގެ ސަބަބުން އަގު ބޮޑުވާނެ ކަމަށް މާހިރުން ދަނީ ބުނަމުންނެވެ.

