ރަޖިސްޓްރީ ނުކުރާ އެސްއޭއެސް މެޑިކަލް ކޮލެޖަށް ދަރިވަރުން ނަގަން އިޝްތިހާރު ކުރަމުންދާތީ، އެކަމަށް ސަމާލުވުމަށް މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓުން އިލްތިމާސްކޮށްފިއެވެ.
އެސްއޭއެސް މެޑިކަލް ކޮލެޖުގެ ނަމުގައި ރާއްޖޭގައި ހިންގާ މެޑިކަލް ކޮލެޖެއްކަން ހާމަކުރަމުން، މަތީ ތަޢުލީމާއި ތަމްރީނާ ބެހޭ ވުޒާރާއިން ނެރުނު ބަޔާނެއްގައި ބުނީ އެ ކޮލެޖަށް ދަރިވަރުން ނަގަން އިޝްތިހާރު ކުރަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށެވެ. ނަމަވެސް އެ މަރުކަޒަކީ، ދިވެހިރާއްޖޭގެ މަތީ ތަޢުލީމާއި ތަމްރީނުގެ ޤާނޫނުގެ ދަށުން ރަޖިސްޓްރީ ކޮށްފައިވާ މަރުކަޒެއް ނޫން ކަމަށް އެ ވުޒާރާއިން ވަނީ ކަށަވަރުކޮށްދީފައެވެ.
ދިވެހިރާއްޖޭގެ މަތީ ތަޢުލީމާއި ތަމްރީނުގެ ޤާނޫނުގެ 62 ވަނަ މާއްދާއާ ހަވާލާދީ އެ ވުޒާރާއިން ބުނީ، ކޮލެޖެއްގެ ހައިސިއްޔަތު ލިބިގެން ނޫނީ ދިވެހިރާއްޖޭގައި ކޮލެޖެއްގެ ނަމުގައި ތަޢުލީމުދޭ މަރުކަޒެއް ހިންގުމަކީ ކުށެއް ކަމަށެވެ. އަދި އެ ޤާނޫނުގެ 64 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުން، ރަޖިސްޓަރީކޮށްފައިވާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ނޫނީ ޔުނިވަރސިޓީއެއް، ކޮލެޖެއް ނުވަތަ އިންސްޓިޓިއުޓެއް ކަމަށް ބުނެ އިޝްތިހާރު ކުރުމަކީވެސް މަނާ ކަމެކެވެ.
މަތީ ތަޢުލީމާ ބެހޭ ވުޒާރާއިން ވަނީ، އާންމުންނަށް އޮޅުން އަރާ ފަދަ ގޮތަކަށް އެސްއޭއެސް މެޑިކަލް ކޮލެޖް، މޯލްޑިވްސްގެ ފަރާތުން އިޝްތިހާރު ކުރަމުންދާތީ، ދަރިވަރުންނާއި ބެލެނިވެރިން މިކަމަށް ޚާއްޞަ ސަމާލުކަމެއް ދިނުމަށް އެދިފައެވެ.

