ދިވެހިރާއްޖޭގެ ގައުމީ އެއާލައިން، “މޯލްޑިވިއަން” އާއި އަވަށްޓެރި ސްރީލަންކާގެ ގައުމީ އެއާލައިން، ސްރީލަންކަން އެއާލައިންސްއާ ދެމެދު ދަތުރުފަތުރުގެ ހާއްސަ އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފިއެވެ. މި އެއްބަސްވުމުގެ މައިގަނޑު މަގުސަދަކީ ރާއްޖެއާއި ދުނިޔޭގެ އެކި ކަންކޮޅުތަކާ ދެމެދު އޮންނަ ދަތުރުފަތުރުގެ ގުޅުން އިތުރަށް ވަރުގަދަކޮށް، ދެ އެއާލައިންގެ ވިއުގަ ބޭނުންކުރާ ފަސިންޖަރުންނަށް ލުއިފަސޭހަ ގޮތްތަކެއް މަގުފަހިކޮށްދިނުމެވެ.
މި ގާއިމުކުރެވުނު ޕާޓްނަޝިޕްގެ ދަށުން، ސްރީލަންކަން އެއާލައިންސްގެ ބައިނަލްއަގުވާމީ ވިއުގަ މެދުވެރިކޮށް ދަތުރުކުރާ ފަސިންޖަރުންނަށް، މާލެއިން ބޭރުގައިވާ ރާއްޖޭގެ 17 މަންޒިލަކަށް ދަތުރުކުރުމުގެ ފުރުސަތު މޯލްޑިވިއަން އިން ފޯރުކޮށްދޭނެއެވެ. މީގެ ސަބަބުން ދުނިޔޭގެ މުހިންމު ބާޒާރުތަކުން ރާއްޖެއަށް އަންނަ ފަތުރުވެރިންނަށް ކޮލަމްބޯ މެދުވެރިކޮށް ރާއްޖޭގެ އެކި އަތޮޅުތަކަށް ފަސޭހަކަމާއެކު ދަތުރުކުރެވޭނެ އިންތިޒާމު ހަމަޖެހިގެންދާނެއެވެ.
މީގެ އިތުރުން، ރާއްޖެއިން ބޭރަށް ދަތުރުކުރާ ދިވެހިންނަށްވެސް މި އެއްބަސްވުމުގެ ސަބަބުން ބޮޑެތި ލުއިތަކެއް ލިބޭނެ ކަމަށް މޯލްޑިވިއަނުން ބުނެއެވެ. އެގޮތުން މޯލްޑިވިއަންގެ ފަސިންޖަރުންނަށް ކޮލަމްބޯ މެދުވެރިކޮށް ސްރީލަންކަން އެއާލައިންސް ދަތުރުކުރާ ބައިނަލްއަގުވާމީ ގިނަ މަންޒިލްތަކަކަށް ދަތުރުކުރުމުގައި އިތުރު އިހްތިޔާރުތަކާއި ފަސޭހަތައް ލިބިގެންދާނެއެވެ.
މި އެއްބަސްވުމާ ގުޅޭގޮތުން މޯލްޑިވިއަންގެ މެނޭޖިންގ ޑައިރެކްޓަރ އިބްރާހީމް އިޔާޒު ވިދާޅުވީ، “މި ގުޅުމަކީ ރާއްޖެއަށް ދަތުރު ކުރުމުގެ ފުރުޞަތުތައް ފުޅާކޮށް، މާލެއިން ބޭރުން އަތޮޅު ތެރެއަށް އޮންނަ ދަތުރުފަތުރުގެ ގުޅުންތައް ވަރުގަދަ ކުރުމަށް އެ ކުންފުނިން ކުރަމުންދާ މަސައްކަތަށް ލިބުނު މުހިންމު ކުރިއެރުމެއް” ކަމަށެވެ.
މޯލްޑިވިއަނުން ގަބޫލުކުރާ ގޮތުގައި މި ފާޓްނަޝިޕްގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަން ކުރިއެރުވުމަށް ބޮޑު އެހީތެރިކަމެއް ލިބިގެންދާނެއެވެ. ހާއްސަކޮށް ރާއްޖޭގެ ޖަޒީރާ ރަށްތަކަށް ދަތުރުކުރާ ފަރާތްތަކަށް ލިބޭ ލުއިފަސޭހަކަމާއެކު، އަތޮޅުތެރޭގެ ފަތުރުވެރިކަމަށް މީގެ ހެޔޮ އަސަރު ކުރާނެ ކަމަށް އެ ކުންފުނިން އުންމީދު ކުރެއެވެ.

