އިންޑިއާއިން ރާއްޖެއަށް ދޫކުރި 400 މިލިއަން ޑޮލަރު (6.1 ބިލިއަން ރުފިޔާ) ގެކަރަންސީ ސްވޮޕް ރާއްޖެއިން މިއަދު އަނބުރާ ދައްކައިފިއެވެ.
ރާއްޖޭގެ ފޮރިން މިނިސްޓްރީން މިރޭ ނެރުނު ބަޔާނެއްގައިވަނީ 400 މިލިއަން ޑޮލަރުގެ ކަރަންސީ ސްވޮޕް ރާއްޖެއިން ދައްކާފައިވާ ކަމަށެވެ.
މިއީ ރައީސް ޑރ. މުހައްމަދު މުއިއްޒު 2024 ވަނަ އަހަރު އިންޑިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގެ ތެރެއިން ދެ ގައުމުގެ ދެމެދުގައި ގާއިމްކުރި ކަރަންސީ ސްވޮޕް އެއްބަސްވުމުގެ ދަށުން ލިބުނު 400 މިލިއަން ޑޮލަރެވެ.
ރާއްޖޭގައި ހުންނަ އިންޑިއާ ހައިކޮމިޝަނުން މިރޭ ނެރުނު ބަޔާނުގައިވަނީ އަލަށް ދޫކުރަން ނިންމި ކަރަންސީ ސްވޮޕްގައި ބޮޑެތި ލުއިތަކެއް ހިމެނޭނެ ކަމަށެވެ.
މީގެކުރިން ރާއްޖެއިން ވަނީ 2019 ވަނަ އަހަރު ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) މެދުވެރިކޮށް އިންޑިއާއިން ރާއްޖެއަށް ހަމަޖައްސައިދިން 150 މިލިއަން ޑޮލަރު (2.3 ބިލިއަން ރުފިޔާ) ގެ ތެރެއިން 50 މިލިއަން ޑޮލަރު (771 މިލިއަން ރުފިޔާ) ވެސް ދައްކައިފަ އެވެ.

