ޑިޕްރެޝަންގެ ސަބަބުން އަޅުގަނޑުމެންގެ މުޖުތަމައުން ޅަޒުވާން، ފުރާވަރުގެ ކުދިން ނާއުންމީދުވެ އެކުދިންގެ ދުނިޔޭގެ ދިރިއުޅުން ދޫކޮށްލާ ހިސާބަށް ދިއުމަކީ ފަހަކަށް އައިސް ދޭތެރެދޭތެރެއިން ފެންނަ މަންޒަރެކެވެ، އިވޭ އަޑެކެވެ. ލޯބިވާ އިންސާނާގެ ފުރާނަ ވަކިވެގެން ދިޔުމުގެ ކުރިން އޭނާގެ ހިމޭންކަމާއި ހާސްކަމުގެ ހަގީގީ ފުންމިނަށް ފީނައިނުގަނެވޭ ގާތުގައި ތިބޭ އަޅުގަނޑުމެން ހައިރާންވެފައި އަހާލަނީ، “އަޅެ ހާދަހާ ދެރައޭ، ކީއްވެ މިހެންމިވީ..؟ މިސުވާލު ކުރެވުނީ ވަގުތުފާއިތުވީ ފަހުންކަން އިހުސާސްވިޔަސް ދެން ކުރެވޭނެ ކަމެއް ނޯންނާނެތާއެވެ. ގައުމުގެ މުޅިން ތަފާތު ސަރަހައްދުތަކުގައި މިފަދަ ހާދިސާތައް ހިނގި ނަމަވެސް، އުމުރާއި ޖިންސާއި ކުރާ ކަންތައް ތަފާތު ވިޔަސް، އުމުރާއި ދިރިއުޅުމުގެ ވައްޓަފާޅި ތަފާތުވި ނަމަވެސް، އަޅުގަނޑު މިދަންނަވާ މީހުންގެ މި ހިތްދަތި ނިމުމުގެ ފަހަތުގައިވަނީ އެއް ސަބަބެކެވެ.
އާދެ، އެއީ ލޮލަށް ފެންނަން ނެތް ނަމަވެސް އިންތިހާއަށް ނުރައްކާތެރި ގަނާކުރުމުގެ އަމަލެވެ. އަޅުގަނޑުމެން މިކިޔާ “ބުލީ” ކުރުމުގެ ހިތި ނަތީޖާއެވެ. ވިހަގަދަ ބަސްތަކަކުން ޒަޚަމްވެ މުޅި ނަފުސާއި ހަށިގަނޑު އެވިހައިން ވިހަވެ އެންމެ ފަހުން ދާން ނުޖެހޭ ހިސާބަށް ދަތުރުގޮސް ނިމެނީއެވެ.
ހަގީގަތުގައި، މިއީ ހަމައެކަނި ހަބަރަކުން ކިޔާލާފައި ދޫކޮށްލަންވީ ހާދިސާތަކެއް ނޫނެވެ. މިއީ އަޅުގަނޑުމެންގެ ވަށައިގެން ހިނގަމުންދާ ނޭދެވޭ ކަންކަމާމެދު ހޭލުންތެރިވެ، ޒިންމާދާރުވުމަށް ލިބުނު ވަރުގަދަ އިންޒާރެކެވެ..
ގަނާކުރުމުގެ ނުރައްކާތެރިކަން؛ ގަނާކުރުމަކީ ގިނަ ފަހަރަށް މުޖުތަމަޢުގައި އޮޅުންއަރާފައިވާ ކަމެކެވެ. އޭގެ ހަގީގީ ނުރައްކާ ވަޒަން ނުކުރެވޭ ކަމެކެވެ. ބައެއް މީހުންނަށް މިއީ ގެއްލުމެއް ނެތް ސަމާސާއެއް ނުވަތަ މީހާ ވަރުގަދަކޮށްދޭ އިމްތިޙާނެއް ކަމަށް ހީވެފައި އޮވެއެވެ. ނަމަވެސް މިއީ ނުރައްކާތެރި ނުބައި ވިސްނުމެކެވެ. ގަނާކުރުމަކީ ނަފްސާނީ ގޮތުން މީހާ ބަލިކޮށްލާ، މެދުނުކެނޑި ދެވޭ އަނިޔާވެރިކަމެކެވެ. މިއީ ތަކުރާރުކޮށް މީހަކަށް ދެރަކޮށް ހިތާ، އެމީހަކީ ނިކަމެތި ބާރުނެތް މީހެއް ކަމުގެ އިޙްސާސް ގަސްތުގައި ކުރުވުމެވެ. މީގެ ސަބަބުން މީހާގެ ކަރާމާތާއި އަމިއްލަ ނަފްސަށް އޮންނަ އިތުބާރު ކުޑަވެ، އެމީހަކީ ބޭކާރު މީހެއް ކަމަށް އަމިއްލައަށް ގަބޫލުކުރެވޭން ފަށައެވެ.
ތަޢުލީމީ މާޙައުލާއި މަސައްކަތުގެ މާޙައުލަށް ބަލާލާއިރު؛ ދަރިވަރަކަށް ގަނާކުރުމުގެ ސަބަބުން، އުނގެނުމާއި އުފާވެރިކަމުން ފުރިފައިވާ މާޙައުލު ބިރުވެރި ތަނަކަށް ބަދަލުވެއެވެ. ކްލާސްރޫމަކީ ކޮންމެ ދުވަހަކު އާ އެއްޗެއް ދަސްކުރުމުގެ ބަދަލުގައި، އެހެން މީހުންގެ މަލާމާތާއި ފުރައްސާރައިން ސަލާމަތްވުމަށް ކުރާ ހަނގުރާމައަކަށް ވެގެންދެއެވެ. މީހުންގެ މެދުގައި ބާކީވެދާނެތީ ނުވަތަ ފުރައްސާރައެއް ކުރިމަތިވެދާނެތީ އުފެދޭ ބިރުވެރިކަމުގެ ސަބަބުން، ކިޔެވުމުގެ ޝައުޤުވެރިކަން ގެއްލި އަމިއްލަ ނަފްސަށް އޮންނަ އިތުބާރު މުޅިން ފުނޑުފުނޑުވެގެންދެއެވެ.
ހަމައެފަދައިން، މަސައްކަތުގެ މާޙައުލުގައި ދެވޭ ގަނާގެ ސަބަބުން މުވައްޒަފުންގެ ނަފްސާނީ ދުޅަހެޔޮކަން ގެއްލިގެންދެއެވެ. ވަޒީފާއަކީ އާއިލާ ބެލުމަށާއި އަމިއްލަ ކުރިއެރުމަށް ކުރާ މަސައްކަތަކަށް ވާއިރު، އެ ތަނުގައި ކުރިމަތިވާ ފުރައްސާރައާއި، ބާކީކުރުމާއި، އިހާނެތިކޮށް ހިތުމުގެ ސަބަބުން މީހާ ނަފްސާނީ ގޮތުން ބަލިކަށިވެއެވެ. އާމްދަނީ ހޯދަން މަޖުބޫރުވުމުން ވަޒީފާ ދޫކޮށްލެވެން ނެތް ނަމަވެސް، އެ އަނިޔާވެރި މާޙައުލުގައި އުޅެންޖެހުމުން މީހާގެ ދިރިއުޅުން އަނދަގޮޑިއަކަށް ބަދަލުވެއެވެ.
ފެންނަން ނެތް ޒަޚަމްތައް: ގަނާކުރުމުގެ އެންމެ ނުރައްކާތެރި ސިފައަކީ އެއީ ގިނަ ފަހަރަށް ފެންނަން ނެތް އަނިޔާއަކަށް ވުމެވެ. ޖިސްމާނީ އަނިޔާއާ ޚިލާފަށް، ނަފްސާނީ ލަކުނުތަކެއް ބޭރުފުށުން ފެންނާކަށް ނުހުރެއެވެ. އަނިޔާ ލިބޭ މީހާ ބޭރުފުށުން ހަމަޖެހިލައިގެން ހުރެދާނެއެވެ. ނަމަވެސް އެތެރެހަށީގައި އިންތިހާ ދަރަޖައިގެ ތަދާއި ރިހުން އުފުލަމުންދެއެވެ. ގިނަ މީހުން މި އަނިޔާ ފޮރުވައިގެން ތިބެނީ ލަދުން ނުވަތަ ބިރުންނެވެ. “ތިއީ ބޭކާރު މީހެއް”، “ތިމީހާ މިތަނަކަށް ކަމަކުނުދޭ”، “ތިމީހާގެ ފެންވަރެއް ނެތް” ފަދަ ބަސްތައް ތަކުރާރުވުމުން، އެއީ ޙަޤީޤަތް ކަމަށް ގަބޫލުކުރެވެން ފަށައެވެ. މީގެ ނަތީޖާއެއްގެ ގޮތުން ހާސްކަމާއި (Anxiety) ދެރަވުމުގެ (Depression) ތެރެއަށް މީހާ ވެއްޓި، ދިރިއުޅުމުގެ އުއްމީދު ކެނޑެއެވެ.
އެހީތެރިކަމަށް އެދުމަށް ހުރި ހުރަސްތައް؛ ގިނަ ފަހަރަށް މިފަދަ އަނިޔާ ލިބޭ މީހުން ތިބެނީ އެކަނިވެރިވެފައެވެ. އެމީހުންގެ ޝުޢޫރުތައް ފާޅުކުރުމުން “އަޅާނުލާށޭ” ނުވަތަ “ވަރުގަދަވާށޭ” ބުނެލާ ބަހަކީ އެހީއަކަށްވުރެ ބޮޑަށް އެމީހުން އިތުރަށް އެކަނިކޮށްލާ ބަސްތަކެކެވެ. މީގެ ސަބަބުން އެމީހުންގެ ޚިޔާލުތައް ކަނު އަނދިރިގަނޑަކަށް ބަދަލުވެ، އެމީހުންނަކީ އެހެން މީހުންނަށް އޮތް ބުރައެއް ކަމަށް ވިސްނެން ފަށައެވެ. އަމިއްލައަށް މަރުވުމަކީ ކުއްލިއަކަށް ނިންމާ ނިންމުމެއް ނޫނެވެ. އެއީ ގިނަ ދުވަސްތަކެއް ވަންދެން ލިބުނު ގަނާކުރުމާއި ނަފްސާނީ އަނިޔާގެ ނަތީޖާއެވެ.
ފަރުދީ ޒިންމާ؛ މިކަން ހުއްޓުވުމުގެ ޒިންމާއަކީ އެންމެންގެ ޒިންމާއެކެވެ.
އާއިލާ: ގޭތެރެއަކީ ބިރެއްނެތި ޝުޢޫރުތައް ފާޅުކުރެވޭ ފަދަ އަމާން ތަނަކަށް ހަދަންޖެހެއެވެ. ދަރިންގެ ވާހަކަތައް ކަނުލާ އަޑުއެހުމަކީ ވަރަށް މުހިންމު ކަމެކެވެ.
ތަޢުލީމީ މުއައްސަސާތައް: ގަނާކުރުމަކީ އާދައިގެ ކަމެއްގެ ގޮތުގައި ދެކުން ހުއްޓާލައި، އެކަމާ ދެކޮޅަށް ހަރުދަނާ ފިޔަވަޅު އަޅަންޖެހެއެވެ. ކުދިންނަށް އޯގާތެރިކަމާއި އެކަކު އަނެކަކަށް އިޙްތިރާމްކުރުން ދަސްކޮށްދޭންޖެހެއެވެ.
މަސައްކަތުގެ މާޙައުލު: ކޮންމެ މުވައްޒަފަކަށްވެސް އިޙްތިރާމާއެކު މަސައްކަތް ކުރެވޭނެ އުޞޫލުތަކެއް އޮންނަންޖެހެއެވެ. ގަނާކުރުން ރިޕޯޓުކުރެވޭނެ އިތުބާރުހުރި ނިޒާމެއް އޮތުން މަޖުބޫރެވެ.
މަންޒަރު ބަލަން ތިބޭ މީހުން: ގަނާކުރާ މަންޒަރު ފެނުމުން ހަނު ހުރުމަކީ ގަނާކުރާ މީހާއަށް ދެވޭ އެހީތެރިކަމެކެވެ. އެހެންކަމުން، އަނިޔާ ލިބޭ މީހާގެ ދިފާޢުގައި ތެދުވެ އެހީތެރިވުމަކީ ކޮންމެ މީހެއްގެ މަސްއޫލިއްޔަތެކެވެ.
ނިންމުން
ކުރިމަތިވި ހިތާމަވެރި ހާދިސާތަކަކީ އަޅުގަނޑުމެންގެ މުޖުތަމަޢު ބަދަލުވާންޖެހިފައިވާ ކަމުގެ ހެއްކެކެވެ. ގަނާކުރުމަކީ މަޖަލަކަށް ކުރާ ކަމެއްގެ ގޮތުގައި ނޯމަލައިޒް ކުރުން ހުއްޓާލަން ވެއްޖެއެވެ.
އަޅުގަނޑުމެންނަށް އިއްޔެވީ ކަންކަން ބަދަލެއް ނުކުރެވޭނެއެވެ. ނަމަވެސް މާދަމާ މިފަދަ ހިތާމަވެރި ކަމެއް ތަކުރާރުވިޔަ ނުދިނުމަކީ އަޅުގަނޑުމެންގެ އަތްމަތީގައި އޮތް ކަމެކެވެ.
ހަނުހުރުމުން ގަނާކުރުން އިތުރުވެއެވެ. ނަމަވެސް ހޭލުންތެރިކަމާއި، އޯގާތެރިކަމާއި، ޢަމަލީ ފިޔަވަޅުން އެކަން ހުއްޓުވޭނެއެވެ.

