ސްޕެއިންގެ ބާސެލޯނާގައި ކުރިއަށްދާ ދަ ގްލޯބަލް ސީފުޑް މާކެޓް ޕްލޭސް 2026 ގައި ރާއްޖޭގެ މަސްވެރިކަން ޕްރޮމޯޓް ކުރުމަށްޓަކައި ހާއްސަ ޕެނަލް ޑިސްކަޝަންއެއް ބާއްވައިފިއެވެ. ތިން ދުވަހުގެ މުއްދަތަށް ކުރިއަށްދާ މި ފެއާއަކީ މުޅި ދުނިޔޭގެ ސީފުޑް އިންޑަސްޓްރީ ގުޅުވައިދޭ އެންމެ ބޮޑު އެއް މާކެޓް ފެއާއެވެ.
މި ފެއާގައި ރާއްޖޭގެ ފަރާތުން އިސްކޮށް ބައިވެރިވެވަޑައިގަންނަވަނީ މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަހުމަދު ޝިޔާމްއެވެ. ވަޒީރުގެ އިތުރުން މަސްވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ މުހިންމު ކުންފުނިތައް ކަމަށްވާ މިފްކޯ، މޯލްޑިވްސް ފިޝަރީސް އެންޑް އޯޝަން ރިސޯސަސް މާކެޓިން އެންޑް ޕްރޮމޯޝަން ކޯޕަރޭޝަން، ހޮރައިޒަން ފިޝަރީޒް، އެންސިސް ފިޝަރީޒް، ބްލޫ ސޯލްވޯޓާ އަދި ބިގް ފިޝް މޯލްޑިވްސް އިން މި ފެއާގައި ބައިވެރިވެއެވެ.
ފެއާގެ ސައިޑް އިވެންޓެއްގެ ގޮތުން “ދިވެހިރާއްޖެ އިން ދުނިޔެއަށް” މި ޝިއާރުގެ ދަށުން ބޭއްވި ޕެނަލް ޑިސްކަޝަންގައި ވަޒީރު ޝިޔާމްގެ އިތުރުން މޮންޓެރީ ބޭ އެކްވަރިއަމްގެ ޕޮލިސީ އެންޑް ސްޓޭކްހޯލްޑަރު އެންގޭޖްމަންޓް ޑިރެކްޓަރު ޖޯޝް މަޑޭރާ އަދި މިފްކޯގެ ސްޓްރެޓެޖިކް ކޮންސަލްޓަންޓް އާތިފް ޝުކޫރު ބައިވެރިވެވަޑައިގަތެވެ. މި މަޝްވަރާތަކުގައި ރާއްޖޭގެ މަސްވެރިކަމުގެ ދާއިރާގައި ހުރި ގޮންޖެހުންތަކާއި، ފުރުސަތުތަކާއި، ދެމެހެއްޓެނިވި ގޮތެއްގައި މަސްވެރިކަން ކުރުމުގެ މުހިންމުކަމާ ގުޅޭގޮތުން މައުލޫމާތު ހިއްސާކޮށްފައިވެއެވެ.
މަސްވެރިކަމާ ބެހޭ ވުޒާރާއިން ވިދާޅުވި ގޮތުގައި މި ޕެނަލް ޑިސްކަޝަން ބޭއްވުމުގެ މައިގަނޑު މަގްސަދަކީ ރާއްޖޭގެ ކަނޑުމަހުގެ މަސްވެރިކަމަށް ސީފުޑް ވޮޗް އިން ދީފައިވާ ހާއްސަ ރޭޓިންގް ޕްރޮމޯޓްކުރުމެވެ. މިއީ ސީފުޑް ވޮޗްގެ ތާރީހުގައި ވެސް ވަކި ގައުމަކަށް ހާއްސަކޮށްގެން ކަނޑުމަހުގެ މަސްވެރިކަމަށް ރޭޓިންގްއެއް ކަނޑައެޅި ފުރަތަމަ ފަހަރެވެ.
އެމެރިކާގެ މަސްވިއްކާ ކުންފުނިތަކުން ބޮޑު އިސްކަމެއްދޭ މޮންޓަރޭ ބޭ އެކުއޭރިއަމްގެ ސީފުޑް ވޮޗް ޕްރޮގްރާމުން ވަނީ ރާއްޖޭގެ ކަނޑުމަހުގެ މަސްވެރިކަމަކީ “ބެސްޓް ޗޮއިސް” ނުވަތަ އިހްތިޔާރުކުރަން އެންމެ ރަނގަޅު މަސްވެރިކަމުގެ ގޮތުގައި ރޭޓްކޮށްފައެވެ. މިއީ އިންޑިއާ ކަނޑުގެ ސަރަހައްދުގައި ކުރާ މަސްވެރިކަމުގެ ދެމެހެއްޓެނިވިކަމާ މެދު ކަންބޮޑުވުންތަކެއް ހުރި ނަމަވެސް، ރާއްޖޭގެ އުފެއްދުންތަކަށް ލިބުނު ބޮޑު ކުރިއެރުމެއްގެ ގޮތުގައި ވުޒާރާއިން ފާހަގަކުރެއެވެ.

