ޤުރްއާން މުބާރާތްތަކަށް ތައްޔާރުވުމަކީ ތަޖުވީދުގެ ހަމަތަކުން ރީތިކޮށް ކިޔަވަން ދަސްވުމުގެ އިތުރުން، އީމާންތެރިކަން ވަރުގަދަވެ، ކެތްތެރިކަމާއި އަޚްލާޤީ ރަނގަޅު ސިފަތައް ނަފްސުގައި އަށަގަތުމަށް މަގުފަހިވާ ކަމެއްކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ.
އެކަމަނާ މިހެން ވިދާޅުވީ ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް (ވެމްކޯ) މުވައްޒަފުންގެ ދެވަނަ ޤުރްއާން އަދި މަދަހަ މުބާރާތް 1447 ނިންމުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ. މި ރަސްމިއްޔާތުގައި އެކަމަނާ ވަނީ މުބާރާތުގެ އެކި ވަނަތަކަށް ހޮވުނު ފަރާތްތަކަށް އިނާމާއި ޓްރޮފީ ހަވާލުކޮށްދެއްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންގެ ވާހަކަފުޅުގައި، ދިވެހިރާއްޖެއަކީ ސައްތައިން ސައްތަ އިސްލާމީ ޤައުމަކަށްވާއިރު، ދިވެހި ކޮންމެ ހިތެއްގެ ވިންދަކަށް ވާންވާނީ ކީރިތި މާތް ކަލާމްފުޅަށް އޮތް ފުން ލޯތްބާއި މަތިވެރި ޤަދަރާއި އިޙްތިރާމް ކަމަށް ފާހަގަކުރެއްވިއެވެ. އަދި މިފަދަ މުބާރާތްތަކަށް ތައްޔާރުވާއިރު ލިބޭ އަމިއްލަ ތަޖުރިބާތަކަކީ ހަމައެކަނި ހުނަރު ދެއްކުމުގެ ބަދަލުގައި މުޅި އުމުރަށް ދެމިގެންދާނެ އަގުހުރި ފިލާވަޅުތަކެއް ކަމަށްވެސް ވިދާޅުވިއެވެ.
ވެމްކޯގެ މުވައްޒަފުން ކުރާ މަސައްކަތަށް އަލިއަޅުއްވާލައްވަމުން މެޑަމް ސާޖިދާ ވިދާޅުވީ، އެ މުވައްޒަފުންނަކީ ރާއްޖޭގެ ސާފުތާހިރުކަން ދެމެހެއްޓުމަށް ރެއާއި ދުވާލު އިޚްލާޞްތެރިކަމާއެކު މަސައްކަތްކުރާ ބައެއް ކަމަށެވެ. އަދި މި މުހިއްމު ޚިދުމަތުގެ އިތުރުން، މުވައްޒަފުންގެ މެދުގައި އިސްލާމީ އަޚުލާޤާއި ދީނީ ރޫޙު އާލާކުރުމަށް ކުންފުނީގެ މެނޭޖްމަންޓުން ކުރައްވާ މަސައްކަތްތަކަށް އެކަމަނާ ވަނީ ތަޢުރީފު ކުރައްވާފައެވެ.
މުބާރާތުން ފަޚުރުވެރި ވަނަތައް ހޯއްދެވި ފަރާތްތަކަށް ތަހުނިޔާ ދަންނަވަމުން، ވަނަ ނުލިބޭ ބައިވެރިން އަންނަ އަހަރުގެ މުބާރާތުގައި ކާމިޔާބީ ހޯދުމަށް އިތުރަށް މަސައްކަތް ކުރުމަށް އެކަމަނާ ހިތްވަރު ދެއްވިއެވެ. މިރޭގެ ރަސްމިއްޔާތުގައި ވެމްކޯ މުވައްޒަފުންގެ ޤުރުއާން އަދި މަދަހަ މުބާރާތުގެ އެކި ގިންތިތަކުން އެއްވަނަ ހާސިލްކުރި ފަރާތްތަކަށް އިނާމު ހަވާލުކޮށްދެއްވީ ސާޖިދާ މުޙައްމަދުއެވެ.

