ރާއްޖޭގައި ގަވައިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ހިންގާ “އޮޕަރޭޝަން ކުރަނގީ” ގެ ތިންވަނަ ފިޔަވަހި އަންނަ މެއި މަހުގެ ދެވަނަ ދުވަހު ފަށާނެ ކަމަށާއި، އެ ފިޔަވަހީގެ ދަށުން ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން ފެނިއްޖެނަމަ ވަގުތުން ހައްޔަރުކޮށް ޑީޕޯޓްކޮށްލާނެ ކަމަށް ދާހިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިހްސާން ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ވަޒީރު އިހްސާން ވިދާޅުވީ، 2024 ވަނަ އަހަރުން ފެށިގެން ދެ އަހަރުގެ މުއްދަތަށް އަމާޒުކޮށްގެން ފެށި މި އޮޕަރޭޝަނުގެ މަގްސަދަކީ ރާއްޖޭގައި އުޅޭ ހުރިހާ ބިދޭސީންނަކީ ގަވައިދުގެ ތެރެއިން އުޅޭ ބައެއްކަން ކަށަވަރުކުރުން ކަމަށެވެ. މި މަސައްކަތް ފެށިއިރު ވޯކްޕާމިޓް ފީ ނުދައްކާ އަދި ވިސާއެއް ނެތި 148،417 ބިދޭސީން އުޅެމުންދިޔަކަން ފާހަގަކުރެވުނު ކަމަށް ވަޒީރު ވިދާޅުވިއެވެ.
ވަޒީރު އިތުރަށް ވިދާޅުވީ، ކުރިން ގަވައިދާ އެއްގޮތަށް އުޅެމުންދިޔައީ އެންމެ 28.97 އިންސައްތަ މަސައްކަތްތެރިން ކަމަށް ވީނަމަވެސް، ވޭތުވެދިޔަ ދެ އަހަރުގެ ތެރޭގައި ކުރެވުނު މަސައްކަތުން އެ އަދަދު މިހާރު 62 އިންސައްތައަށް އިތުރުކުރެވިފައިވާ ކަމަށެވެ. “މިދިޔަ ދެ އަހަރު ކުރި މަސައްކަތުން ފުރިހަމައަށް ޑޮކިއުމެންޓް ދައްކައި ލާރިދައްކާފައިވާ މީހުންގެ އަދަދުވަނީ 62 އިންސައްތައަށް އިތުރުކޮށްފައި. މިއީ 100 އިންސައްތަ ޔަގީން ނަންބަރެއް،” އިހްސާން ވިދާޅުވިއެވެ.
މިހާތަނަށް ކުރެވުނު މަސައްކަތުން ގާތްގަނޑަކަށް 206،000 ބިދޭސީންގެ ފިންގާ ޕްރިންޓް ނަގައި ފުލް އެކައުންޓަބިލިޓީއެއް ގާއިމްކުރެވިފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ. ނަމަވެސް އަދިވެސް ފިންގާ ޕްރިންޓް ނުދީ 2933 ބިދޭސީން އެބަތިބި ކަމަށާއި، އެއީ ކޮންބައެއްކަން މިހާރު ދެނެގަނެވިފައިވާ ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.
އަންނަ މަހު ފަށާ ތިންވަނަ ފިޔަވައްސާ ގުޅޭގޮތުން ވަޒީރު ވިދާޅުވީ، “މެއި މަހުގެ ދެވަނަ ދުވަހުން ފެށިގެން ކުރިއަށް އޮތް އެއް އަހަރުގެ ތެރޭގައި ނުގަވައިދުން އުޅޭ ބިދޭސީން ރާއްޖޭގެ ހުރިހާ ސަރަހައްދަކުން ހޯދައި އެ މީހުން ހައްޔަރުކޮށް ޑީޕޯޓްކުރުމުގެ މަސައްކަތް ކުރާނަން. އަދި ފީ ނުދައްކާ އުޅެނިކޮށް ފުލުހުންނާއި ދިމާވެއްޖެނަމަ ވަގުތުން ހައްޔަރުކޮށް ޑީޕޯޓްކޮށްލާނެ.”
މި ނޫސްވެރިންގެ ބައްދަލުވުން ނިންމަވާލައްވަމުން ވަޒީރު ވަނީ ކޮންމެ ފަރާތެއްގެ ދަށުން މަސައްކަތްކުރާ ބިދޭސީންގެ ވޯކް ޕާމިޓާއި ވިސާގެ ސްޓޭޓަސް ރަނގަޅަށް ބަލައި، ދައްކަންޖެހޭ ފީތައް ދުވަހުން ދުވަހަށް ދެއްކުމަށް އިލްތިމާސްކުރައްވާފައެވެ. އަދި ހުރިހާ ބިދޭސީންވެސް ރާއްޖޭގެ ގާނޫނާއި ގަވައިދާ އެއްގޮތަށް އުޅުމަށް ވަޒީރު ބާރުއެޅުއްވިއެވެ.

