ވަޒީރު އިހުސާން ވިދާޅުވީ ގަނާކުރުން ހިމެނޭހެން އާއްމު އިޖުތިމާއީ މިންގަނޑުތަކާ ހިލާފު އަމަލުތައް ހުއްޓުވުމަށް ކުރެވޭނެ ކަންކަން ބަލައި ހޯދުމުގެ މަސައްކަތް ވުޒާރާއިން ކުރަމުންދާ ކަމަށެވެ. މިގޮތުން ސްކޫލުތަކާއި މުޖުތަމައުގެ ތެރޭގައި ފެތުރިފައިވާ ގަނާކުރުމުގެ މައްސަލަތަކުގައި ޖިނާއީ ގޮތުން އެޅިދާނެ ފިޔަވަޅުތަކަކީ ކޮބައިކަން ދެނެގަތުމަށް ބަންޑާރަނައިބުގެ އޮފީހާ ގުޅިގެން ދިރާސާ ކުރަމުންދާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
“ވަކިން ހާއްސަކޮށް ބުލީގެ ކަންކަން ސްކޫލުތަކުގައާއި މުޖުތަމައުގެ ތެރޭގައި ކުރަމުންދާދިއުން، މިކަމަށް އެޅިދާނެ ފިޔަވަޅުތަކަކީ ކޮބައިތޯ، އަދި ހާއްސަކޮށް ޖިނާއީ ގޮތުން އެޅިދާނެ ފިޔަވަޅެއް އެބައޮތްތޯ އަޅުގަނޑުމެން މިހާރު އެޓާނީ ޖެނަރަލްގެ އޮފީހާއެކު މަސައްކަަތްތަކެއް ކުރަމުންދަން،” ވަޒީރު ވިދާޅުވިއެވެ.
ގަނާކުރުމުގެ ނުރައްކާތެރިކަމަށް އަލިއަޅުއްވާލައްވަމުން ވަޒީރު ވިދާޅުވީ، ބުލީގެ ޝިކާރައަކަށްވެ މީހުންގެ ފުރާނަދާ ހިސާބަށް ރާއްޖޭގެ ބައެއް ސަރަހައްދުތަކުގައި ކަންކަން ގޮސްފައިވާ ކަމަށެވެ. އެހެންކަމުން، މިފަދަ މައްސަލަތަކުގައި ޖިނާއީ ފިޔަވަޅު އެޅޭނެ ގޮތްތައް ބަލައި، އެކަމަށްޓަކައި ގާނޫނުތަކަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމަށް ސަރުކާރުން ފަސްނުޖެހޭނެ ކަމުގެ ޔަގީންކަން އޭނާ ދެއްވިއެވެ.
ސްކޫލުތަކާއި މުޖުތަމައުގެ އެކި ދާއިރާތަކުގައި ގަނާކުރުމުގެ މައްސަލަތައް އިތުރުވަމުންދާއިރު، މީގެ ސަބަބުން ނަފުސާނީ ބޮޑެތި މައްސަލަތަކާއި އެކަނިވެރިކަން ތަހައްމަލުކުރާ މީހުން ގިނަވަމުންދާކަން ތަފާސްހިސާބުތަކުން ދައްކައެވެ. ސަރުކާރުގެ އަމާޒަކީ މިފަދަ ނޭދެވޭ އަމަލުތައް ހުއްޓުވައި، ރައްކާތެރި މުޖުތަމައެއް ބިނާކުރުމަށްޓަކައި ހަރުދަނާ ގާނޫނީ އޮނިގަނޑެއް އެކުލަވާލުން ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

