ރާއްޖޭގެ ބޯހިޔާވަހިކަމުގެ އެންމެ ބޮޑު މަޝްރޫއު ކަމަށްވާ ރަސްމާލެ ހިއްކުމުގެ މަސައްކަތުގެ 50 އިންސައްތައަށްވުރެ ބޮޑު ބައެއް މިހާރު ވަނީ ނިމިފައެވެ. މިނިސްޓަރ އޮފް ހައުސިން، ލޭންޑް އެންޑް އަރބަން ޑިވެލޮޕްމަންޓް ޑރ. އަބްދުﷲ މުއްތަލިބް ހާމަކުރެއްވި ގޮތުގައި، މިހާތަނަށް އެ ސަރަހައްދުން 504 ހެކްޓަރުގެ ބިން ވަނީ ހިއްކާ ނިންމާފައެވެ. މިއީ ގާތްގަނޑަކަށް ހުޅުމާލޭގެ ދެ ފޭސް އެއްކޮށްލުމުން ވާވަރުގެ ބޮޑު ސަރަހައްދެކެވެ.
ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ބޮޑުވުމާއި އިމާރާތްކުރުމުގެ ސާމާނު ލިބުމުގައި ހުރި ދަތިތަކުގެ ސަބަބުން މަޝްރޫއުގެ ޓައިމްލައިނަށް ބަދަލުތަކެއް އައުން އެކަށީގެންވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. ނަމަވެސް، ގޯތި ދޫކުރުމުގެ މަރުހަލާ ނިމޭއިރު ބިންތައް ހަވާލުކުރެވޭނެ ކަމުގެ ޔަގީންކަން ސަރުކާރުން ދެއްވައެވެ. އަދި ބިން ނުހިއްކާ ތަނަކުން އެއްވެސް ފަރާތަކަށް ގޯތި ކަނޑަނާޅާނެ ކަމަށްވެސް މިނިސްޓަރު ޔަގީންކޮށްދެއްވިއެވެ.
ސަރުކާރުން މިހާރު އަމާޒު ހިފާފައިވަނީ ހަރަދު ކުޑަވާނެ ގޮތްތަކަށް ބަލައިގެން، އެއްވެސް މަޝްރޫއެއް ހުއްޓާނުލައި ކުރިއަށް ގެންދިއުމަށެވެ. މިގޮތުން އެސްޓީއޯ މެދުވެރިކޮށް ކޮންސްޓްރަކްޝަން ސާމާނު މެދުނުކެނޑި ލިބޭނެ އިންތިޒާމުތައް ދަނީ ހަމަޖައްސަމުންނެވެ. މިއީ މަޝްރޫއުތަކުގެ ސްޕީޑް ހިފެހެއްޓުމަށް އެޅޭ މުހިންމު ފިޔަވަޅެއްގެ ގޮތުގައި ސަރުކާރުން ދެކެއެވެ.
ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރުމަށް ރަސްމާލެއިން 15,000 ގޯތި ދޫކުރުމުގެ އިތުރުން، ރާއްޖޭގެ އެކި ރަށްރަށުގައި 825 ހައުސިން ޔުނިޓާއި މާލެ ސަރަހައްދުގައި 7,000 އެއްހާ ފްލެޓް އެޅުމުގެ މަސައްކަތްތައް ވެސް ދަނީ ރޭވި، ހިނގަމުންނެވެ. ރަސްމާލޭގެ މާސްޓާ ޕްލޭން ނިމުމުން އަސާސީ ހިދުމަތްތައް ގާއިމުކުރުމަށް ހިނގާނެ ހަރަދުތައް ސާފުވެގެންދާނެ ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ.

