މިދުވަސްކޮޅު ރާއްޖޭގައި އެންމެ ގިނައިން ދެކެވޭ ވާހަކައަކީ ގަނާކުރުން ނުވަތަ "ބުލީ" ކުރުމުގެ ވާހަކައެވެ. އެންމެން އެކި ރާގު ރާގަށް އެއް ވާހަކައެކެވެ. ބައެއް މީހުންގެ ވާހަކަތަކުން މިރާއްޖޭގައި މިފަދަ ކަމެއް މި ކުރަނީ އެހެން ޤައުމަކުން އައިސްގެން އުޅޭ ބަޔަކުހެން ވެސް ހީވެއެވެ. ނަމަވެސް އެހެނެއް ނޫނެވެ. މުޅި ޤައުމު މިވަނީ މި ނުބައި އާދައިގަ އުމުރު ހުސްވެފައެވެ. އެއީ އާންމު ސަމާސާ އަކަށް ހަދާފައެވެ.
ގަނާކުރުން ނުވަތަ ‘ބުލީ، ކުރުމަކީ މިއަދު އަޅުގަނޑުމެންގެ މުޖުތަމަޢުގައި އިންތިހާއަށް ބޮޑުވެފައިވާ އިޖުތިމާޢީ މައްސަލައެކެވެ. މިއީ އެކަކު އަނެކަކަށް ނަފްސާނީ ގޮތުންނާއި ޖިސްމާނީ ގޮތުން އަނިޔާވެރިވެ، ދަށްކޮށްލުމުގެ ގޮތުން ހިންގޭ ނުބައި ޢަމަލެކެވެ.
ދިވެހިރާއްޖޭގެ ތާރީޚަށް ބަލާއިރު، ގަނާކުރުމަކީ ވަކި ޒަމާނެއްގައި ފެށުނު ކަމެއް ނޫނެވެ. މިއީ ޒަމާނުއްސުރެ އަޅުގަނޑުމެންގެ ތެރޭގައި އާދަކާދައިގެ ތެރެއަށް ވަދެފައިވާ ކަމެކެވެ. ހިތާމައަކީ، ގިނަ ފަހަރަށް ގަނާކުރެވޭއިރު އެއީ ސަމާސާއަކަށް ހަދައި ގަނާކުރުންކަން ނޭނގޭ މިންވަރަށް މިކަން އާންމުވެފައިވުމެވެ. އަދި ގަނާކުރާ މީހާ އަކީ މޮޅު، މަތިވެރި މީހެއްގެ ގޮތުގައި މުޖުތަމަޢުގެ ބައެއް ފަރާތްތަކުން ދެކޭކަމީ މިކަމުގެ ނުރައްކާތެރިކަން އިތުރުވާ ސަބަބެކެވެ.
ޑިމޮކްރަސީގެ ނަމުގައި ޚިޔާލުފާޅުކުރުމުގެ މިނިވަންކަން ލިބުމާއެކު، ގަނާކުރުމުގެ މައްސަލަ ވަނީ އިތުރަށް ގޯސްވެފައެވެ. ބޭނުންހާ އެއްޗެއް ބުނުމުގެ މިނިވަންކަން އޮތްކަމަށް ދެކި، އަނެކާގެ އަބުރާއި ޢިއްޒަތަށް އަރައިގަތުމަކީ ޑިމޮކްރަސީ ކަމުގައި ބައެއް މީހުންނަށް ވަނީ ހީވެފައެވެ.
ކުރީ ޒަމާނުއްސުރެ އާއިލާތަކާއި ގޭގެއަށް "އާދަ ފުރައްސާރައިގެ" ނަންނަން ދީފައި ހުރެއެވެ. މިސާލަކަށް، މީހެއްގެ ހަށިގަނޑުގައި ހުންނަ އައިބަކަށް، ނުވަތަ ކުލައަށް، ނުވަތަ ކުރެވުނު ނޭދެވޭ ކަމަކަށް ނިސްބަތްކޮށް ހަޖޫޖަހައި، އެ ނަން މުޅި އާއިލާގެ "ވަނަމަކަށް" ހަދައެވެ. އިސްލާމްދީނުގައި މީހުންނަށް ނުބައި ނަންނަމުން މުޚާޠަބު ނުކުރުމަށް ބާރުއަޅުއްވާފައިވާއިރު، ސުންނީ މުސްލިމުންގެ ގޮތުގައި ތިބެ މިފަދަ ނުބައި އާދަތައް ދެމެހެއްޓުމަކީ ލަދުވެތި ކަމެކެވެ.
ތަޢުލީމީ ދާއިރާއަށް ބަލާއިރު، އެކި ޒަމާންތަކުގައި މުދައްރިސުންގެ ފަރާތުންވެސް މިފަދަ ކަންކަން ފެނިފައިވެއެވެ. ކުދިންގެ ކުރިމަތީގައި ލަދުގަންނަވައިލުމާއި، ނަފްސާނީ ގޮތުން ދަށްކޮށްލުމަކީ ކުރީގައި އާންމުކޮށް ހިނގާފައިވާ ކަންކަމެވެ. މިއަދުވެސް ސްކޫލްތަކުގެ ތެރޭގައި ވަކިވަކި ދަރިވަރުންގެ މެދުގައި ތަފާތުކުރުންތައް ގެންގުޅުމާއި، ދަރިވަރުން ދަރިވަރުންނަށް ގަނާކުރުމުގެ މައްސަލަތައް މަދުން ނަމަވެސް ފެންނަމުންދެއެވެ. މިފަދަ މައްސަލަތައް ސްކޫލް މެނޭޖްމަންޓަށް އެނގުމުން އެކަށީގެންވާ ފިޔަވަޅު ނޭޅުމަކީ މައްސަލަ އިތުރަށް ބޮޑުވާ ސަބަބެކެވެ.
މިކަމުގައި ބެލެނިވެރިންގެ ޒިންމާ ނުހަނު ބޮޑެވެ. ގިނަ ފަހަރަށް ގަނާކުރުން ފެށިގެން އަންނަނީ ގޭތެރެއިންނެވެ. ތިމާގެ ދަރިފުޅަކީ ގަނާކުރުމުގެ ޝިކާރައަކަށް ނުވާތީ، ނުވަތަ ތިމާގެ ދަރިފުޅު އެހެން ކުދިންނަށް ގަނާކުރާކަން ޤަބޫލުކުރަން ބޭނުންނުވާތީ، މިކަމުގެ ނުރައްކަލުގެ ރަނގަބީލު ގިނަ ބެލެނިވެރިންނަށް އަޑެއް ނީވެއެވެ.
ޤައުމުގެ ސިޔާސީ މަސްރަޙަށް ބަލާއިރު، ގަނާކުރުމަކީ އެންމެ ބޮޑު "ހަތިޔާރެވެ". އިދިކޮޅު މީހަކު ރަނގަޅު ކަމެއް ކުރިޔަސް، އެމީހެއްގެ އަގުވައްޓާލައި، ފުރައްސާރަކޮށް، އޭނާގެ "އޮފް" ކަނޑުވާލުމަކީ ސިޔާސީ ގިނަ މީހުންގެ މޮޓޯއެވެ. ރައްޔިތުންގެ މަޖިލީހުގެ ތެރެއިންނާއި ބޭރުންވެސް ފެންނަނީ މި ނުބައި މަންޒަރެވެ. ސޯޝަލް މީޑިއާގައި މިފަދަ ޢަމަލުތައް ފަތުރައި، މީހުންގެ އަބުރު ކަތިލުމަކީ ފަޚުރެއް ކަމުގައި ބައެއް މީހުން ދެކެއެވެ. ދީނީ ގޮތުން މިކަން އޮންނަ ގޮތް ބުނެދޭން ތިބޭ މީހުންވެސް ހަނު ތިބެނީ ކަންނޭނގެއެވެ.
އިހުމާލުވެވިފައިވާ މި މައްސަލައަށް ޙައްލެއް ހޯދުމަށް މަސައްކަތްކުރަން މިހާރުވެސް މާ ލަސްވެއްޖެއެވެ. ވަކި މީހަކު މިކަމާ ދެކޮޅަށް ތެދުވަންދެން މަޑުނުކޮށް، ކޮންމެ މީހަކުވެސް އަމިއްލަ ނަފްސުން މިކަން އިޞްލާޙު ކުރަންޖެހެއެވެ. އަމިއްލަ ދޫ ރައްކާތެރިކޮށް، ތިމާގެ ބެލުމުގެ ދަށުގައި ތިބޭ ކުދިން މި ނުބައި މަގަށް ދިޔަނުދީ ހިފަހައްޓަން ޖެހެއެވެ. ޤައުމުގެ ވެރިންނާއި މުއައްސަސާތަކުގެ އިސްވެރިންނަކީ އަޚްލާޤު ރަނގަޅު، ބަސްމަގު ރީތި ނަމޫނާ ބަޔަކަށް ވާންޖެހެއެވެ. މި ޒިންމާއިން ރެކޭކަށް މިއަދަކު ފުރުޞަތެއް ނެތެވެ.
އަޅުގަނޑުމެންނަކީ ހެޔޮބަސް އަހައި، އެއަށް ޢަމަލުކުރާ ބަޔަކު ކަމުގައި ލައްވާށިއެވެ! އާމީން!

