ސައޫދީ އަރަބިއްޔާގެ މަޝްހޫރު ދީނީ އިލްމުވެރިޔާ ޝައިހް އާސިމް އަލް ހަކީމް ރާއްޖޭގެ ފަސް ސިޓީގައި ދަރުސް ބާއްވަން ވަޑައިގަންނަވަން ނިންމައިފިއެވެ.
“ދަ ޓްރެވަލާ” ގްރޫޕުން މި ދަތުރު ހަމަޖައްސާފައި ވަނީ އިސްލާމިކް މިނިސްޓްރީގެ ހުއްދައާއެއެވެ.
ދަރުސް ދެއްވާ ސިޓީތަކަކީ މާލެ، ހދ. ކުޅުދުއްފުށި، ގދ. ތިނަދޫ، ފުވައްމުލައް އަދި އައްޑޫ ސިޓީގައެވެ.
ޝައިހް އާސިމް މި މަހުގެ 27 ވަނަ ދުވަހު ރާއްޖެ ވަޑައިގެން ދަރުސްތައް ފައްޓަވާނީ 28 ވަނަ ދުވަހުގެ ރޭ 8:30ގައި ކުޅުދުއްފުށިން ކަމަށް ވެސް ނަޖާހު ވިދާޅުވި އެވެ.
އޭގެ ފަހުން 29 ވަނަ ދުވަހުގެ ރޭ ދަރުސް ދެއްވާނީ މާލޭގަ އެވެ. އަދި 30 ވަނަ ދުވަހުގެ ރޭ ދަރުސް އޮންނާނީ އައްޑޫގަ އެވެ.
އަންނަ މަހު އެއް ވަނަ ދުވަހު ފުވައްމުލަކަށް ވަޑައިގެން ދަރުސް ދެއްވުމަށް ފަހު ދެވަނަ ދުވަހުގެ ރޭ ތިނަދޫ ސިޓީ ގައި ދަރުސް ދެއްވާނެ ކަމަށް ވެސް ނަޖާހު ވިދާޅުވި އެވެ.
ނަޖާހު ވިދާޅުވި ގޮތުގައި ކޮންމެ ދަރުހަކަށް ފަހު ވެސް 15 ވަރަކަށް މިނެޓް އާންމުންގެ ސުވާލުތަކަށް ފުރުސަތު ދެއްވާނެ އެވެ.
ޝައިހް އާސިމަކީ ދުނިޔޭގެ ފެންވަރުގައި މަގުބޫލުކަން ހޯއްދަވާފައިވާ އިލްމުވެރިއެކެވެ. އެކި ޕްލެޓްފޯމްތައް މެދުވެރިކޮށް އިނގިރޭސި ބަހުން ދީނީ އިލްމު ފެތުރުއްވުމުގައި އޭނާ ފާހަގަކޮށްލެވެ އެވެ.
މަޝްހޫރު ދީނީ އިލްމުވެރިޔާ ޝައިހު އާސިމް ރާއްޖޭގެ ފަސް ސިޓީގައި ދަރުސްތައް ބާއްވަނީ

