ދައުލަތުން ރައްޔިތުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް އިތުރަށް ހަރުދަނާކުރުމަށް ސަރުކާރުން އަޅަމުންދާ ފިޔަވަޅުތަކުގެ ދަށުން، ބައެއް އަތޮޅުތަކުގައި ފެނަކަ ކޯޕަރޭޝަނުން މިހާރު ދެމުންގެންދާ ޔުޓިލިޓީ ޚިދުމަތްތައް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ)އަށް ބަދަލުކުރުމަށް ސަރުކާރުން ނިންމައިފިއެވެ. މި ބަދަލު ގެނައުމަށް ހަމަޖެހިފައިވަނީ ބ. އަތޮޅު، ޅ. އަތޮޅު އަދި މ. އަތޮޅުގެ ރަށްރަށުގައެވެ.
މި ނިންމުމަކީ ދައުލަތުގެ ޚިދުމަތްތައް ހިންގުމުގެ ނިޒާމަށް ސަރުކާރުން ގެންނަވަމުންދާ އިޞްލާޙީ ބަދަލުތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ. މީގެ މައިގަނޑު މަޤްޞަދަކީ ޚިދުމަތްތައް މެދުނުކެނޑި ފޯރުކޮށްދިނުން ކަށަވަރުކުރުމާއި، މަސައްކަތުގެ ހިންގުން ހަރުދަނާކޮށް، އަސާސީ ޚިދުމަތްތައް ރައްޔިތުންނަށް ފަސޭހައިން ލިބޭނެ މަގު ތަނަވަސްކޮށްދިނުމެވެ.
ސްޓެލްކޯއިން މިހާރުވެސް ކ.، ވ.، އއ.، އަދި އދ. އަތޮޅުގައި ޚިދުމަތް ދެމުންދާއިރު، އަލަށް އެ ކުންފުނީގެ ދަށަށް ބަދަލުވާ ރަށްތަކުގެ ތެރޭގައި ބ. އަތޮޅުގެ 13 ރަށަކާއި، ޅ. އަތޮޅުގެ 4 ރަށެއްގެ އިތުރުން މ. އަތޮޅުގެ 8 ރަށެއް ހިމެނެއެވެ. މީގެ ތެރޭގައި އޭދަފުށި، ތުޅާދޫ، ހިންނަވަރު، ނައިފަރު، މުލި އަދި ދިއްގަރު ފަދަ ބޮޑެތި އާބާދީތައް ހިމެނެއެވެ.
މި ބަދަލު ގެނައުމަށް ހަމަޖެހިފައިވަނީ ރައްޔިތުންނަށް ފޯރުކޮށްދޭ އަސާސީ ޚިދުމަތްތަކަށް އެއްވެސް ބުރޫއެރުމެއް ނެތި، ރޭވިގެން އަދި ވިލަރެސްކުރެވިގެންނެވެ. މި ނިންމުން ތަންފީޛުކުރުމުގައި އެންމެ ބޮޑު އިސްކަމެއް ދޭނީ މެދުނުކެނޑި ކަރަންޓާއި އެހެނިހެން ޚިދުމަތްތައް ފޯރުކޮށްދިނުމަށާއި، މުވައްޒަފުންނާއި ވަސީލަތްތައް ބަދަލުކުރުމުގެ ކަންކަން އޮމާންކަމާއެކު ކުރިއަށްގެންދިއުމަށެވެ.
މި މަރުޙަލާ ހަލުވިކަމާއެކު ނިންމުމަށްޓަކައި ކަމާގުޅޭ ފަރާތްތަކުގެ މެދުގައި ވިލަރެސްކުރުމުގެ މަސައްކަތްތައް ދަނީ ހިނގަމުންނެވެ. މިގޮތުން ކުންފުނީގެ މުދަލާއި ވަޞީލަތްތަކުގެ އިތުރުން މުވައްޒަފުން ބަދަލުކުރުމުގެ ކަންކަމުގައި މިނިސްޓްރީ އޮފް ފައިނޭންސް އެންޑް ޕަބްލިކް އެންޓަޕްރައިޒަސް އާއި ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން ގުޅިގެން މަސައްކަތް ކުރާނެ ކަމަށް ސްޓެލްކޯއިން މަޢުލޫމާތު ދެއެވެ.

