ދިވެހި ސަރުކާރަށް އިންޑިއާ ސަރުކާރުން ފޯރުކޮށްދެމުންދާ އިޤްތިޞާދީ އަދި މާލީ އެހީތެރިކަމުގެ ދަށުން، ރާއްޖެއަށް 319 މިލިއަން އެމެރިކާ ޑޮލަރު (30 ބިލިއަން އިންޑިއަން ރޫޕީސް) ދޫކުރުމަށް އިންޑިއާ ސަރުކާރުން ނިންމައިފިއެވެ.
މާލޭގައި ހުންނަ އިންޑިއާ ހައިކޮމިޝަނުން މިރޭ ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ، “ސާކް ޤައުމުތަކަށް ޚާއްސަ ކަރަންސީ ސްވޮޕް އިންތިޒާމުގެ އޮނިގަނޑު” ގެ ދަށުން މި ފައިސާ ދޫކުރުމަށް ނިންމާފައިވަނީ މީގެ ފުރަތަމަ ފިޔަވަހީގެ ދަށުން ކަމަށެވެ. އަދި 2024 އިން 2027 އަށް އެކުލަވާލާފައިވާ އައު އޮނިގަނޑުގެ ދަށުން މިހާރު ދޫކުރާ ރޫޕީ ސްވޮޕް ފެސިލިޓީގައި އިންޓްރެސްޓް ރޭޓާއި އެހެނިހެން ޝަރުތުތަކުގައި ބޮޑެތި ލުއިތަކެއް ހިމެނޭކަމަށް ހައިކޮމިޝަނުން ފާހަގަކުރެއެވެ.
މި އެހީތެރިކަމަކީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އާއި ރިޒާވް ބޭންކް އޮފް އިންޑިއާއާ ދެމެދު ސޮއިކުރެވުނު ކަރަންސީ ސްވޮޕް އެއްބަސްވުމުގެ ދަށުން ލިބޭ އެހީއެކެވެ. ރާއްޖޭގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ އެމްއެމްއޭގެ ގަވަރުނަރު އަހްމަދު މުނައްވަރެވެ.
އިންޑިއާ ހައިކޮމިޝަނުން ހާމަކޮށްފައިވާ ގޮތުގައި، 2012 ވަނަ އަހަރު ސާކް ސްވޮޕް ފްރޭމްވޯކް ފެށުނީއްސުރެ، ރިޒާވް ބޭންކް އޮފް އިންޑިއާއިން ވަނީ ޖުމްލަ 1.1 ބިލިއަން އެމެރިކާ ޑޮލަރުގެ އެހީތެރިކަން ރާއްޖެއަށް ފޯރުކޮށްދީފައެވެ. މީގެ އިތުރުން، ދިވެހި ސަރުކާރުގެ އެދުމުގެ މަތިން ކުއްލި މާލީ އެހީތެރިކަމުގެ ގޮތުގައި، ދިވެހި ސަރުކާރުން ދޫކޮށްފައިވާ 100 މިލިއަން ޑޮލަރުގެ ޓްރެޝަރީ ބިލްތަކުގެ މުއްދަތު ވެސް އިންޑިއާއިން ވަނީ މިދިޔަ އަހަރު އިތުރުކޮށްދީފައެވެ.
މި މާލީ އެހީތެރިކަމަކީ ރާއްޖޭގެ ބޭރު ފައިސާގެ ރިޒާވް ވަރުގަދަކުރުމަށާއި އިޤްތިޞާދީ ހަމަޖެހުން ގާއިމުކުރުމަށް ލިބިގެންދާ މުހިންމު ބާރެއް ކަމަށް ބެލެވެއެވެ.

