ކުރިއަށް އޮތް އަޟްހާ އީދު ރަށްރަށުގައި ކުލަގަދަކޮށް ފާހަގަކުރުމަށްޓަކައި ހާއްސަ ހަރަކާތްތަކެއް ހިންގުމަށް މިނިސްޓްރީ އޮފް ދިވެހި ބަހާއި ސަގާފަތާއި ތަރިކައާ ބެހޭ މިނިސްޓްރީން ކައުންސިލްތަކުގައި އެދިއްޖެއެވެ. އެ މިނިސްޓްރީން ކައުންސިލްތަކަށް ފޮނުވި ސާކިއުލާއެއްގައި ބުނެފައިވަނީ، އީދު ފާހަގަކުރުމުގެ މަގުސަދަކީ އިސްލާމީ ދިވެހި ސަގާފަތުގައި ބޮޑު އީދު ފާހަގަކުރުމުގެ ރޫހާއި ސަގާފަތް ދެމެހެއްޓުމާއި، އިސްލާމީ ވަހުދަތު ވަރުގަދަކުރުން ކަމަށެވެ.
މި އަހަރުގެ ބޮޑު އީދު ފާހަގަކުރުމަށް ހިންގިދާނެ ހަރަކާތްތަކުގެ ލިސްޓެއް މިނިސްޓްރީން ވަނީ ކައުންސިލްތަކާ ހިއްސާކޮށްފައެވެ. އީދު ފާހަގަކުރުމަށް ރާއްޖޭގެ ހުރިހާ ރަށަކުން ވެސް މިފަދަ ހަރަކާތްތައް ކުރިއަށް ގެންދިއުމަކީ މިނިސްޓްރީގެ ވަރަށް ބޮޑު އެދުމެއް ކަމަށް އެ ސާކިއުލާގައި ފާހަގަކޮށްފައިވެއެވެ.
މިނިސްޓްރީން ހުށަހަޅާފައިވާ ހަރަކާތްތަކުގެ ތެރޭގައި އީދު ދުވަހުގެ ރޭ “ވެދުމާ ދިއުން” ފަދަ ސަގާފީ ހަރަކާތްތައް ހިންގުމާއި، ބޮޑު ޖަމާއަތުގައި އީދު ނަމާދު ކުރުން ހިމެނެއެވެ. އީދު ނަމާދުގެ ކަންކަން އިސްލާމިކް މިނިސްޓްރީއާ ގުޅިގެން ކުރިއަށް ގެންދިއުމަށާއި، ނަމާދަށްފަހު ބާއްވާ އީދު ސައިގެ ކަންކަން އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީތަކާ ގުޅިގެން އިންތިޒާމުކުރުމަށް ވަނީ ލަފާދީފައެވެ.
މީގެ އިތުރުން، އީދު ދުވަހުގެ މެންދުރު ކުރިން އީދު ހަދިޔާ ބަދަލުކުރުމާއި، އެއް ގެއިން އަނެއް ގެއަށް މެންދުރުގެ ތަށިބަރި ބަދަލުކުރުން ފަދަ އިޖުތިމާއީ ގުޅުން ބަދަހިވާނެ ހަރަކާތްތައް ހިންގުމަށް ވެސް ވަނީ އެދިފައެވެ. އަދި އީދު ދުވަހުގެ ހަވީރު، އެ ރަށެއްގައި ކުޅެ އުޅޭ ސަގާފީ ކުޅިވަރުތައް ބޭއްވުމަށާއި، އެ ކަންކަމުގައި ކުޑަކުދިންނާއި، އަންހެނުންނާއި، އުމުރުން ދުވަސްވީ މީހުންނަށް ބައިވެރިވެވޭނެ ގޮތް ހެދުމަށް މިނިސްޓްރީން ބާރުއަޅައެވެ.
ރޭގަނޑުގެ ވަގުތުތަކުގައި ސްޓޭޖް ޝޯތައް ބޭއްވި ނަމަވެސް، އެކަންކަން ކުރިއަށް ގެންދަންވާނީ އާއްމު އިޖުތިމާއީ މިންގަނޑުތަކާ ހިލާފުނުވާ ގޮތަށް ކަމަށް މިނިސްޓްރީން ބުނެފައިވެއެވެ. ކަލަންޑަރުގައިވާ ގޮތުން މިއަހަރުގެ އަޟްހާ އީދު ދުވަސްތަކަކީ އަންނަ ޖޫން މަހުގެ 27، 28 އަދި 29 އެވެ.

