އިސްލާމްދީނަކީ ސާފުތާހިރުކަމުގެ ދީންކަން ބަޔާންކޮށް، އިންސާނާގެ އެތެރެފުށާއި ބޭރުފުށުގެ ތާހިރުކަމަށް ސަމާލުވުމަށް މިއަދުގެ ހުކުރު ހުތުބާގައި މުޖުތަމައަށް ބާރުއަޅައި ނަސޭހަތްތެރިވެއްޖެއެވެ.
"ތާހިރުކަމަކީ އީމާންކަމުގެ ދެބައިކުޅަ އެއްބައެވެ" މި މައުޟޫއަށް ރާއްޖޭގެ އެކިކި މިސްކިތްތަކުގައި މިއަދު އިއްވި ހުތުބާގައި ބުނީ، އެހެން ހަޟާރާތްތަކުގައި އިންސާނާގެ ރީތިކަން ހަމައެކަނި ބޭރުފުށުގެ ޒީނަތްތެރިކަމުން މިނެކިރި ނަމަވެސް، އިސްލާމްދީން ބަލަނީ އެތެރެފުށާއި ބޭރުފުށގެ ތާހިރުކަމާއި ރީތިކަމަށް ކަމަށެވެ. މުސްލިމަކު ނަމާދަށް ކުރިމަތިލަނީ ވުޟޫގެ ޒަރީޢާއިން ތާހިރުކަން ހާސިލުކުރުމަށްފަހުގައެވެ.
ހުތުބާގައި ބަޔާންކުރި ގޮތުގައި، ހަށިގަނޑާއި އަންނައުނު އަދި ވަށައިގެންވާ މާހައުލު ސާފުކޮށް ބެހެއްޓުމަކީ ހަމައެކަނި އާދައެއް ނޫނެވެ. އެއީ މާތްﷲ ލޯބިވެވޮޑިގަންނަވާ މަތިވެރި އަޅުކަމެކެވެ. އަދި ހިތުގައިވާ ޝިރުކާއި، ހަސަދަވެރިކަމާއި، ޝައްކުތަކުން ހިތް ސާފުނުކޮށް، ހަމައެކަނި ބޭރުފުށުން ރީތިވުމަކީ، ބޭރުން ޒީނަތްތެރިކޮށްފައިވާ ނަޖިސް ފުރިފައިވާ ފަޅުތަނެއް ފަދަ ކަމެއްކަން ހުތުބާގައި ހާމަކޮށްފިއެވެ.
މިއަދުގެ ހުތުބާގައި ރަސޫލާ (ޞައްލަﷲ ޢަލައިހި ވަސައްލަމަ) އިރުޝާދު ދެއްވާފައިވާ "ސުނަނުލް ފިޠުރާ" ނުވަތަ ފިޠުރަތުގެ ފަސް ސުންނަތަށް އަމަލުކުރުމަށް ބާރުއަޅާފައިވެއެވެ. އެއީ ޚިތާނުކުރުމާއި، އައުރަ ސާފުކުރުމާއި، ކިހިލިފަތްދަށުގެ އިސްތަށި އުފުރުމާއި، ނިޔަފަތި ކެނޑުމާއި، މަތިމަސް ކުރުކުރުމެވެ. މިކަންކަމަށް އިހުމާލުވުމަކީ މުސްލިމެއްގެ ސިފައެއް ނޫންކަމަށާއި، އޭގެ ސަބަބުން ޖަރާސީމު އުފެދި ނުބައި ވަސްދުވުމަށް މެދުވެރިވާކަން ހުތުބާގައި ފާހަގަކުރިއެވެ.
ޒަމާނީ ވަސީލަތްތައް ބޭނުންކުރުމުގައި ދީނީ އިންތަކުން ބޭރުވަމުންދާ ކަމުގެ ކަންބޮޑުވުން ފާޅުކުރަމުން، ސެލޫންތަކުގައި ހިލޭ މީހުންގެ ކުރިމަތީގައި އައުރަ ހާމަކުރުމަކީ ހުއްދަ ކަމެއް ނޫން ކަމަށް ހުތުބާގައި ބުންޏެވެ. އަދި ހެދުން އެޅުމުގައި، ހާއްސަކޮށް ބުރުގާ އެޅުމުގައި އައުރަ ރަނގަޅަށް ނިވާނުވާ ގޮތަށް ކަންފަތާއި ކަރު ފެންނަ ގޮތަށް ފޮތިގަނޑެއް އޮޅާލުމަކީ ޙިޖާބުގެ މަޤްޞަދު ގެއްލޭ ކަމެއް ކަމުގައި ބަޔާންކުރިއެވެ. ހަމައެފަދައިން، ފިރިހެނުންވެސް ކުޅިވަރު ކުޅޭ މައިދާންތަކުގައި އައުރަ ހާމަނުކުރުމަށް ވަނީ ހަނދާންކޮށްދީފައެވެ.
މާތްﷲ ހައްދަވާފައިވާ ފިޠުރީ ސިފަ ބަދަލުކުރުމަކީ ޝައިޠާނާގެ މަޅިއެއްކަން ފާހަގަކޮށް، ޓެޓޫ ޖެހުމާއި ބުމަ އުފުރުން ފަދަ ކަންކަމަކީ މާތްﷲގެ ލަޢުނަތް ހުށަހެޅޭ ކަންކަން ކަމުގައި ހުތުބާގައި ނަސޭހަތްތެރިވެއްޖެއެވެ. އަދި ވުޟޫކުރާއިރު ހަމަށް ފެން ފޯރުމަށް ހުރަސްއަޅާ ތަކެތި ބޭނުންކުރުމުން ނަމާދު ބާޠިލުވާނެތީ އެކަމަށް ސަމާލުވުމަށް ގޮވާލިއެވެ.
ދެމަފިރިން އެކަކު އަނެކަކަށްޓަކައި ޒީނަތްތެރިވުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުވާލަމުން، އެންމެ ރީތި ހެދުމާއި މީރުވަސްދުވާ ތަކެތި ބޭނުންކުރަންވީ ހަމައެކަނި ބޭރަށް ނުކުންނައިރު ނޫން ކަމަށާއި، ގޭތެރޭގައި އަމިއްލަ ބައިވެރިޔާގެ ކުރިމަތީގައި އެކަންކަން ކުރުމަށް އިރުޝާދު ދީފައިވެއެވެ. އަނބިދަރިންނަށް ދީނީ ހުކުމްތައް އޮޅުންފިލުވައިދީ، ލޯތްބާއި އޯގާތެރިކަމާއެކު ސުވަރުގެއަށް މަގުދައްކައިދިނުމަށް ހުރިހާ މުސްލިމުންނަށް މިއަދުގެ ހުތުބާގައި ވަނީ ގޮވާލާފައެވެ.

