ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އިން ރާއްޖެ ގެނައި އައު ހެވީ ވެހިކަލް ފްލީޓް އޮޕަރޭޓްކުރުމަށާއި ބެލެހެއްޓުމަށް ބޭނުންވާ ގިނަ އަދަދެއްގެ ޓެކްނިކަލް މުވައްޒަފުން ތަމްރީނުކޮށް ނިންމާލައިފިއެވެ. މި ތަމްރީނުތަކަކީ ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ކުރިއަށްގެންދާ މަޝްރޫޢުތައް ހަލުވިކުރުމަށްޓަކައި އެ ކުންފުނިން ކުރަމުންދާ މަސައްކަތުގެ ތެރެއިން ކުރިއަށްގެންދިޔަ ހަރަކާތެކެވެ.
އާރްޑީސީން މަޢުލޫމާތު ދެއްވާގޮތުގައި، މި ތަމްރީނު ޕްރޮގްރާމްގައި މާލެއާއި އަތޮޅުތަކުގެ ރަށްރަށުގައި މަސައްކަތްކުރާ އެ ކުންފުނީގެ 108 މުވައްޒަފުން ވަނީ ބައިވެރިވެފައެވެ. މީގެ ތެރޭގައި ވެހިކަލް އޮޕަރޭޓަރުންނާއި މެއިންޓަނަންސް ޓީމުތައް ހިމެނެއެވެ. ތިއަރީ އަދި ޕްރެކްޓިކަލް ބައިތައް ހިމެނޭހެން ކުރިއަށްގެންދިޔަ މި ތަމްރީނުތަކުގެ އަމަލީ މަސައްކަތްތައް ކުރިއަށްގެންގޮސްފައިވަނީ ތިލަފުށީގައެވެ.
މި މަހުގެ ފުރަތަމަ ހަފްތާގައި އާރްޑީސީން ވަނީ ޖުމްލަ 230 ހެވީ ވެހިކަލް ރާއްޖެ ގެނެސްފައެވެ. މީގެ ތެރޭގައި އެސްކަވޭޓަރު، ފޯކްލިފްޓް، ޑަމްޕް ލޮރީ އަދި މަގު ހެދުމަށް ބޭނުންވާ 4 ތާރު ޕްލާންޓް ހިމެނެއެވެ. މީގެ ތެރޭގައި ހިމެނެނީ 80 ޓަނުގެ އެއް ޕްލާންޓާއި 40 ޓަނުގެ ތިން ޕްލާންޓެވެ. ޗައިނާގެ ތަޖުރިބާކާރު ކުންފުންޏެއް މެދުވެރިކޮށް ގެނައި މި އުޅަނދުތައް މިހާރު އަންނަނީ ރަޖިސްޓްރީ ކުރަމުންނެވެ.
އާރްޑީސީން ވިދާޅުވީ، ފުރަތަމަ ބުރުގައި 20 ރަށަކަށް އުޅަނދުތައް ފޮނުވުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި މި އުޅަނދުތައް ފޮނުވާ ރަށްރަށުގައި ކުރިއަށްދާ އެހެނިހެން މަޝްރޫޢުތަކަށްވެސް ބޭނުންވާ ހާލަތްތަކުގައި މި ތަކެތި ބޭނުންކުރެވޭނެ އިންތިޒާމުތައް އަންނަނީ ހަމަޖައްސަމުންނެވެ. މާލެ ސަރަޙައްދުގައި މި އުޅަނދުތައް އެންމެ ބޮޑަށް ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ގުޅިފަޅުގެ ޔުޓިލިޓީ ޚިދުމަތްތައް ޤާއިމުކުރުމުގެ މަސައްކަތަށެވެ.
މި ފްލީޓާއެކު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުރިއަށްދާ ތަރައްޤީގެ މަޝްރޫޢުތައް އެއްފަހަރާ އަދި އަވަސް މިނެއްގައި ކުރިއަށްގެންދިއުމަށް މަގުފަހިވެގެންދާނެ ކަމަށް އާރްޑީސީން ދެކެއެވެ. އުޅަނދުތައް ރަޖިސްޓްރީކޮށް ނިމުމާއެކު، ރަށްރަށަށް ފޮނުވުމުގެ އަމަލީ މަސައްކަތް ވަރަށް އަވަހަށް ފެށޭނެއެވެ.

