ނާޒުކު ވަގުތުތަކުގައި ކަށަވަރު ނުވާ މައުލޫމާތު ނުފަތުރާ، އެކަކު އަނެކަކަށް އުއްމީދާއި ހިތްވަރުދިނުމަށް މިނިސްޓްރީ އޮފް ހެލްތުން އިލްތިމާސް ކޮށްފިއެވެ. އެ މިނިސްޓްރީން މިކަމަށް އިލްތިމާސް ކުރީ ނަފްސާނީ ދުޅަހެޔޮކަމާއި މުޖުތަމައުގެ އެއްބައިވަންތަކަމާ ގުޅޭގޮތުން ނެރުނު ބަޔާނެއްގައެވެ.
ހެލްތް މިނިސްޓްރީގެ ބަޔާނުގައި ބުނެފައި ވަނީ، ކޮންމެ އިންސާނެއްގެ ފުރާނައަކީ މަތިވެރި އަގުހުރި އަމާނާތެއް ކަމަށާއި، ދިރިއުޅުމުގެ ދަތުރުގައި ކޮންމެ މީހަކަށްވެސް އުފަލާއި ހިތާމައިގެ ވަގުތުތަކާ ކުރިމަތިލާން ޖެހޭނެ ކަމަށެވެ. އަދި މީސްމީޑީއާގައި ފަތުރާ ހަގީގަތާ ހިލާފު ވާހަކަތަކާއި ހިއްސާ ކުރާ މައުލޫމާތު ތަކަކީ ނަފްސާނީ ގޮތުން ބަލިކަށިވެފައިވާ ފަރާތްތަކަށާއި، ވަކިވެދިޔަ ފަރާތްތަކުގެ އާއިލާތަކަށް ފޫނުބެއްދޭ ފަދަ ހިތްދަތި އަސަރުތަކެއް ކުރުވާނެ ކަންކަން ކަަމަށްވެސް މިނިސްޓްރީން ފާހަގަކުރިއެވެ.
އެހެންކަމުން މިފަދަ ނާޒުކް ވަގުތުތަކުގައި ހަގީގަތާއި ހިލާފު ވާހަކަތަކާއި، ހިތްދަތި މަންޒަރުތައް ނުވަތަ ކަށަވަރުނުވާ މައުލޫމާތު ފެތުރުމުން ދުރުހެލިވުމަށް އާންމުންނަށާއި މީޑީއާތަކަށް މިނިސްޓްރީން ވަނީ އިލްތިމާސް ކޮށްފައެވެ. އޭގެ ބަދަލުގައި އެކަކު އަނެކަކަށް އުއްމީދާއި ހިތްވަރު ދިނުމަށާއި އެހީތެރިކަން ފޯރުކޮށްދިނުމުގެ މެސެޖްތައް އިސްކުރުމަށް ބަޔާނުގައި ގޮވާލާފައިވެއެވެ.
މީގެ އިތުރުން، އާއިލާތަކާއި ރައްޓެހިން އަދި މުޅި މުޖުތަމައު ގުޅިގެން އެކަކު އަނެކަކުގެ ހާލު ބަލައި، އެއްވެސް ތަފާތު ކުރުމެއް ނެތި އަޅާލުމަށް ބަޔާނުގައި ބާރު އަޅާފައިވެއެވެ. “އަނެކާގެ ވާހަކަ ކަނުލައި އަޑުއަހާލުމަކީ ނުވަތަ ދެވޭ ކުޑަ އޯގަތެރިކަމަކީވެސް މީހެއްގެ ފުރާނަ ސަލާމަތް ކުރުމަށް ލިބޭ ވަރަށް ބޮޑު ބާރެއް” ކަމަށް މިނިސްޓްރީން ބުނެއެވެ.
ގައުމީ ފެންވަރުގައި އެކަކު އަނެކެއްގެ ދުޅަހެޔޮކަން ރައްކާތެރި ކުރުމަކީ އެންމެންގެ ޒިންމާއެއްކަން ފާހަގަކުރައްވައި، ހަގީގަތެއް ނެތް ވާހަކަތަކުގެ ބަދަލުގައި ހަމްދަރުދީ އިސްކުރުމަށާއި، ފާޑުކިޔުމުގެ ބަދަލުގައި އޯގާތެރިކަން އަދި ބިރުވެރިކަމުގެ ބަދަލުގައި އުއްމީދު ކުރިއަށް ނެރުމަށް ހެލްތް މިނިސްޓްރީން ވަނީ އެދިފައެވެ.
ނަފްސާނީ ގޮތުން ދަތި އުނދަގޫތައް ތަހަންމަލު ކުރަމުންދާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި، ނޭޝަނަލް މެންޓަލް ހެލްތް ހޮޓްލައިން 1677 މެދުވެރިކޮށް 24 ގަޑިއިރު ނަފްސާނީ އެހީތެރިކަން ލިބޭނެ އިންތިޒާމު މިހާރު ވަނީ ހަމަޖެހިފައެވެ.

