އަލިމަސް އިންސްޓިޓިއުޓްގެ ފަރާތުން އުފައްދާފައިވާ “ބަސްކާޑު” ސެޓު، ފަންނާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު ހީނާ ވަލީދު ރަސްމީކޮށް ނެރެދެއްވައިފިއެވެ.
މި ބަސްކާޑުތައް ނެރުއްވައިދެއްވީ ދިވެހިބަހުގެ އެކަޑަމީން ހުޅުމާލޭ ރުއްގަނޑު 2 ސަރަހައްދުގައި ބޭއްވި “ދިވެހިބަހުގެ ހަވީރު” ގައެވެ. މި ރަސްމިއްޔާތުގައި ވަޒީރު ހީނާ ވަލީދުގެ އިތުރުން ދިވެހިބަހުގެ އެކަޑަމީގެ ރައީސް ޙަސަން ޝާކިރު މުޙައްމަދާއި، އަލިމަސް އިންސްޓިޓިއުޓްގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.
އަލިމަސް އިންސްޓިޓިއުޓުން މަޢުލޫމާތު ދެއްވާ ގޮތުގައި، މި ބަސްކާޑުތަކަކީ އިނގިރޭސި ބަސް ދަސްކުރުމަށް ބޭނުންކުރާ “ވޯޑް ކާޑް” ތަކުގެ އަސްލަށް ބަލައިގެން، ދިވެހިބަސް ދަސްކޮށްދިނުމަށް ފަސޭހަވާނެހެން ފަރުމާކޮށްފައިވާ އުފެއްދުމެކެވެ. މިއީ ދަރިވަރުންގެ މެދުގައި ދިވެހިބަހަށް އޮންނަ ޝައުޤުވެރިކަން އިތުރުކޮށް، މުނިފޫހިފިލުވުމުގެ ތެރެއިން ބަސް އުނގަންނައިދިނުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށް އެ އިންސްޓިޓިއުޓުން ވިދާޅުވެއެވެ.
މި ބަސްކާޑުތައް ޚާއްޞަކޮށްފައިވަނީ ތަޢުލީމީ މަންހަޖުގެ ކީސްޓޭޖް 1 އަދި ކީސްޓޭޖް 2 ގެ ދަރިވަރުންނަށެވެ. މީގެ ސަބަބުން ޕްރައިމަރީ ގްރޭޑްތަކުގެ ކުދިންނަށް ދިވެހިބަހުގެ ލަފުޒުތަކާއި އޭގެ މާނަ ދަސްކުރުމަށް ބޮޑު އެހީތެރިކަމެއް ލިބިގެންދާނެ ކަމަށް ބެލެވެއެވެ.

