ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި އިލެކްޝަންގައި ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ޓިކެޓުގައި ވާދަކުރައްވާނެ ކެންޑިޑޭޓަކު ކަނޑައެޅުމަށް ބާއްވާ ޕްރައިމަރީގެ ވޯޓުލުން މިއަދު ފަށައިފިއެވެ. މި ޕްރައިމަރީގެ ވޯޓުލުން ކުރިއަށްދަނީ މިއަދު ހެނދުނު 9:00 އިން ހަވީރު 4:00 އަށެވެ.
މި ޕްރައިމަރީގެ ވޯޓުލުން މާލެ އާއި އައްޑޫ ސިޓީގައި ކުރިއަށްދާއިރު، ހިތަދޫގައި ދިރިއުޅޭ އެ ދާއިރާގެ މެންބަރުން ވޯޓުލުމަށް ފޮށި ބަހައްޓާފައިވަނީ ހިތަދޫ ސުކޫލުގައެވެ. މާލެ އާއި އެހެނިހެން ރަށްރަށުގައި ތިބި މެންބަރުން ވޯޓުލުމަށް ހަމަޖެހިފައިވަނީ މާލޭގެ ކަލާފާނު ސުކޫލުގައި ބަހައްޓާފައިވާ ވޯޓު ފޮއްޓަށެވެ. މި ޕްރައިމަރީގައި ވޯޓުލުމުގެ ހައްގު ޖުމްލަ 727 މީހުންނަށް ލިބިގެންވެއެވެ.
ހިތަދޫ އުތުރު ދާއިރާގެ ޕީއެންސީ ޓިކެޓަށް ވާދަކުރައްވަނީ ދެ ބޭފުޅެކެވެ. އެއީ އެ ދާއިރާގެ މެންބަރުކަން ކުރިން ކުރެއްވި މުހައްމަދު ސިނާނާއި، ހިތަދޫ މޫލެކެޑެ ދާއިރާގެ ކައުންސިލަރުގެ މަގާމުގައި ހުންނެވި އަހުމަދު ސައީދު (ސޮޑާ) އެވެ.
މި ޕްރައިމަރީގައި ވާދަކުރައްވާ ސައީދަކީ މި މަހުގެ ހަތަރު ވަނަ ދުވަހު ބޭއްވި ލޯކަލް ކައުންސިލް އިންތިހާބުގައި ވެސް ވާދަކުރެއްވި ބޭފުޅެކެވެ. އެ އިންތިހާބުގައި އެމްޑީޕީގެ ކެންޑިޑޭޓާ ވާދަކުރައްވައި ސައީދު ބަލިވީ އެންމެ ނުވަ ވޯޓުގެ ތަފާތުންނެވެ. އެމްޑީޕީގެ ކެންޑިޑޭޓަށް 592 ވޯޓު ލިބިވަޑައިގަތްއިރު، ސައީދަށް ލިބިވަޑައިގަތީ 583 ވޯޓެވެ.
ހިތަދޫ އުތުރު ދާއިރާގެ ގޮނޑި ހުސްވީ، އެ ދާއިރާގެ މެންބަރުކަމުގައި ހުންނެވި މުހައްމަދު ސިނާންގެ ގޮނޑި ގެއްލިފައިވާ ކަމަށް ސުޕްރީމް ކޯޓުން މި މަހުގެ 12 ވަނަ ދުވަހު ހުކުމް ކުރުމާ ގުޅިގެންނެވެ. އިލެކްޝަންސް ކޮމިޝަނުން މިހާރު ވަނީ މި ދާއިރާގެ ބައި އިލެކްޝަން އަންނަ ޖޫން މަހުގެ ހަ ވަނަ ދުވަހު ބޭއްވުމަށް ނިންމާފައެވެ.

