މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕަބްލިކް އެންޓަޕްރައިޒަސް އިން އާންމުކޮށްފައިވާ މާލީ ރިޕޯޓުތަކުން ދައްކާގޮތުގައި، ފަތުރުވެރިކަމުގެ ދާއިރާގެ އާމްދަނީ އިތުރުވުމާ އެކު ދައުލަތުގެ ބަޖެޓު 1.6 ބިލިއަން ރުފިޔާގެ ސާޕްލަސްއެއްގައި ދަމަހައްޓައިފިއެވެ.
2026 ވަނަ އަހަރުގެ 15 ވަނަ ހަފުތާގެ މާލީ ރިޕޯޓަށް ބަލާއިރު، 16 އޭޕްރީލް 2026 ވަނަ ދުވަހާ ހަމައަށް ދައުލަތަށް އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި ޖުމްލަ 13.6 ބިލިއަން ރުފިޔާ ލިބިފައިވެއެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު 12.2 ބިލިއަން ރުފިޔާއާ އަޅާބަލާއިރު 11.6 އިންސައްތައިގެ ކުރިއެރުމެކެވެ. ހަމައެއާއެކު، ދައުލަތުގެ ޖުމްލަ ޚަރަދު ވަނީ 12.0 ބިލިއަން ރުފިޔާ އަށް އަރާފައެވެ. މިއީ މިދިޔަ އަހަރުގެ އެ މުއްދަތުގެ 10.3 ބިލިއަން ރުފިޔާއަށްވުރެ 16.9 އިންސައްތަ އިތުރު އަދަދެކެވެ.
އާމްދަނީއަށް އައި މި ބޮޑު ކުރިއެރުމުގެ އެންމެ ބޮޑު ހިއްސާއަކީ ޓެކުހުގެ ގޮތުގައި ލިބުނު 10.9 ބިލިއަން ރުފިޔާއެވެ. މިއީ 2025 ވަނަ އަހަރާ އަޅާބަލާއިރު 19.7 އިންސައްތައިގެ އިތުރުވުމެކެވެ. މީގެ ތެރެއިން ފަތުރުވެރިކަމުގެ ދާއިރާގެ ޖީ.އެސް.ޓީ (ޓީ.ޖީ.އެސް.ޓީ) ގެ ގޮތުގައި 4.3 ބިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ 17.5 އިންސައްތައިގެ ކުރިއެރުމެކެވެ. މީގެ އިތުރުން ގްރީން ޓެކްސްގެ ގޮތުގައި 768.0 މިލިއަން ރުފިޔާ އަދި ޑިޕާޗާ ޓެކްސްގެ ގޮތުގައި 649.5 މިލިއަން ރުފިޔާ ވަނީ ލިބިފައެވެ.
މި ރިޕޯޓުގައި ފާހަގަ ކޮށްލެވޭ އަނެއް ކަމަކީ، ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ އިރުޝާދުގެ ދަށުން ސަރުކާރުގެ އޮނިގަނޑަށް އައި ބަދަލުތަކާ ގުޅިގެން މާލީ ރިޕޯޓުތައް ތަރުތީބުކޮށްފައިވާ ގޮތަށް ގެނައި އިސްލާހެވެ. މި ބަދަލުގެ ބޭނުމަކީ ސަރުކާރުގެ މިހާރުގެ އޮނިގަނޑާ އެއްގޮތަށް މާލީ ހިސާބުތައް ދެފުށް ފެންނަ ގޮތަށް ރައްޔިތުންނަށް ހާމަކޮށްދިނުމެވެ. އަދި ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީ.ޖޭ.އޭ) އަށް ދޫކުރާ ގްރާންޓްތައް ބްލޮކް ގްރާންޓް އުސޫލަށް ބަދަލުވުމާ ގުޅިގެން، ޚަރަދުތައް ރިޕޯޓުކުރުމަށް ވެސް ވަނީ ހެޔޮ ބަދަލުތަކެއް ގެނެސްފައެވެ.
ދައުލަތުގެ ޚަރަދުތަކަށް ބަލާއިރު، ރިކަރަންޓް ޚަރަދުގެ ގޮތުގައި 10.6 ބިލިއަން ރުފިޔާ ހޭދަވެފައިވެއެވެ. މީގެ ތެރޭގައި މުވައްޒަފުންގެ މުސާރައާއި ޕެންޝަނަށް ކުރި 4.0 ބިލިއަން ރުފިޔާގެ ހޭދަ ހިމެނެއެވެ. އަދި ސަބްސިޑީގެ ގޮތުގައި 1.4 ބިލިއަން ރުފިޔާ ހޭދަކޮށްފައިވާއިރު، މިއީ މިދިޔަ އަހަރަށްވުރެ 36.2 އިންސައްތަ އިތުރު އަދަދެކެވެ. ކެޕިޓަލް ޚަރަދު ނުވަތަ ހަރުމުދަލަށް ކުރި ހޭދަ ވެސް ވަނީ 39.9 އިންސައްތަ އިތުރުވެ، 1.3 ބިލިއަން ރުފިޔާއަށް އަރާފައެވެ.
ޖުމްލަގޮތެއްގައި، ފަތުރުވެރިކަމުގެ ދާއިރާގެ އެހީގައި ދައުލަތަށް ލިބޭ އާމްދަނީ އިތުރުވެ، ޚަރަދުތައް މެނޭޖުކުރުމުގެ ނަތީޖާއެއްގެ ގޮތުން ދައުލަތުގެ މާލީ ހާލަތު މިވަގުތު އޮތީ ރަނގަޅު މިސްރާބެއްގައެވެ.

