ށ. މިލަންދޫގައި ޑޮމެސްޓިކް އެއާޕޯޓެއް ތަރައްގީކުރުމަށް ބޭނުންވާ ބިން ހިއްކުމުގެ އަމަލީ މަސައްކަތް އެއްވެސް މެދުކެނޑުމެއްނެތި ބާރުސްޕީޑުގައި ކުރިއަށްދާކަމަށް އެ މަޝްރޫއުގެ ތަފްސީލްތަކުން ހާމަވެއްޖެއެވެ. މިލަންދޫގައި އެއާޕޯޓެއް ތަރައްގީކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢީއްޒުގެ ރިޔާސީ ވައުދުފުޅުތަކުގެ ތެރޭގައި ހިމެނޭ މުހިންމު މަޝްރޫއެކެވެ.
މި މަޝްރޫއުގެ ދަށުން ބިން ހިއްކުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ ދުނިޔޭގެ މަޝްހޫރު ކުންފުންޏެއް ކަމަށްވާ ބޮސްކާލިސް އާއެވެ. މި މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ 15 އޮކްޓޫބަރު 2024 ގައެވެ. މި މަޝްރޫއުގެ ދަށުން 40 ހެކްޓަރުގެ ބިން ހިއްކުމަށް ހަމަޖެހިފައިވާއިރު، މި މަސައްކަތް 8 މަސްދުވަހުގެ ތެރޭގައި ނިންމުމަށް ވަނީ އަމާޒު ހިފާފައެވެ.
މިލަންދޫގެ ބިން ހިއްކުމުގެ އަމަލީ މަސައްކަތް ރަސްމީކޮށް ފަށާފައިވަނީ މިއަހަރުގެ އޭޕްރީލް މަހުގެ 3 ވަނަ ދުވަހުއެވެ. މި މަޝްރޫއަކީ އެރަށުގެ ތަރައްގީއަށް ކުރިއަށްގެންދާ އެންމެ ބޮޑު އެއް މަޝްރޫއުކަން ފާހަގަކުރެވެއެވެ.
މިލަންދޫގައި އެއާޕޯޓް ތަރައްގީކުރުމަށް ހަމަޖެހިފައިވަނީ މިހާރު އެރަށުގެ ބަނދަރު އޮތް ސަރަހައްދުގައެވެ. އެހެންކަމުން، ބިން ހިއްކުމުގެ މަސައްކަތް ނިމުމާއެކު، އެރަށުގައި މުޅިން އައު ބަނދަރެއް ތަރައްގީކުރުމުގެ މަސައްކަތްވެސް ކުރިއަށްދާނެއެވެ. ސަރުކާރުގެ އަމާޒަކީ ގިނަވެގެން 30 މަސްދުވަހުގެ ތެރޭގައި އެއާޕޯޓުގެ ހުރިހާ މަސައްކަތެއް ނިންމައި ބޭނުންކުރަން ފެށުމެވެ.
މިލަންދޫގައި އެއާޕޯޓެއް އެޅިގެން ދިއުމަކީ އެރަށުގެ ރައްޔިތުންގެ ޒަމާންވީ އުއްމީދުތަކުގައި ކުލަޖެހިގެންދާނެ ކަމެކެވެ. މި މަޝްރޫއުގެ ސަބަބުން ރަށުގެ އިގްތިސާދަށާއި ދަތުރުފަތުރުގެ ނިޒާމަށް ބޮޑެތި ކުރިއެރުންތަކެއް ލިބިގެންދާނެ ކަމަށް ގިނަ ބަޔަކު ގަބޫލުކުރެއެވެ.

