ކޯޓަށް ހާޒިރު ކުރުމަށްޓަކައި ފުލުހުންގެ ބަންދުގައި މާލެ ކަސްޓޯޑިއަލްގައި ހުރި 45 އަހަރުގެ ދިވެހި ފިރިހެނަކު މަރުވުމާ ގުޅިގެން، އެ މައްސަލަ ކަމާބެހޭ އިދާރާތަކުން ބަލަން ފަށައިފިއެވެ.
ފުލުހުން މައުލޫމާތު ދީފައިވާ ގޮތުގައި، މި މީހާ ފެނިފައިވަނީ ބަންދު ގޮޅީގައި ޚަބަރު ހުސްވެފައި އޮއްވައެވެ. އޭނާ ފެނުމާއެކު އިއްޔެ މެންދުރުގެ ވަގުތެއްގައި އައިޖީއެމް ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ބުންޏެވެ. ނަމަވެސް، ހޮސްޕިޓަލަށް ގެންދިޔައިރުވެސް އެ މީހާ މަރުވެފައިވާ ކަމަށް ހޮސްޕިޓަލުން މައުލޫމާތު ދީފައިވާ ކަމަށް ފުލުހުންގެ އިދާރާއިން ހާމަކުރެއެވެ.
މަރުވެފައިވަނީ ކޯޓަށް ހާޒިރު ކުރުމަށްޓަކައި ކޯޓުން ކޮށްފައިވާ އަމުރަކާ ގުޅިގެން ފުލުހުންގެ ބަންދުގައި ހުރި މީހެކެވެ. މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު ދެނެގަތުމަށްޓަކައި ފުލުހުން މިހާރު ވަނީ ތަހުގީގެއް ފަށާފައެވެ.
މި ހާދިސާއާ ގުޅޭ މައުލޫމާތު މިހާރު ވަނީ މިނިވަން މުއައްސަސާތަކަށް ހިއްސާކޮށްފައެވެ. އެގޮތުން ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް) އަދި ނޭޝަނަލް އިންޓަގްރިޓީ ކޮމިޝަން (އެންއައިސީ) އަށް މި މައްސަލައިގެ ތަފްސީލް ފޮނުވާފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ.
މިފަދަ ހާދިސާތައް ހިނގުމުން އާންމުކޮށް އަމަލުކުރާ އުސޫލުގެ ދަށުން، މި މައްސަލަ ފުލުހުންގެ ފަރާތުންނާއި މިނިވަން މުއައްސަސާތަކުން ވަކިވަކިން ތަހުގީގު ކުރަމުންދާނެއެވެ.

