ކުޅުދުއްފުށި ސިޓީގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަޝްރޫޢުގެ ތިންވަނަ ފިޔަވަހީގެ ދަށުން ހެދުމަށް ހަމަޖެހިފައިވާ މަގުތަކުގެ ސާރވޭގެ މަސައްކަތްތައް ރޯޑް ޑިވެލޮޕްމަންޓް ކޯރޕަރޭޝަން (އާރްޑީސީ) އިން ފަށައިފިއެވެ. މި މަޝްރޫޢަކީ ކުޅުދުއްފުށީގެ މަގުތަކުގެ ފެންވަރު ރަނގަޅުކޮށް، ދަތުރުފަތުރުގެ ނިޒާމަށް ލުއިފަސޭހަކަން ގެނައުމަށް ސަރުކާރުން ކުރިއަށްގެންދާ މުހިންމު މަސައްކަތެކެވެ.
މި މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފެށުމަށްޓަކައި ކުރަންޖެހޭ ސާރވޭގެ މަސައްކަތްތައް އެކުންފުނީގެ މުވައްޒަފުން މިހާރު ކުރަމުންދާކަން އާރްޑީސީން ވަނީ ކަށަވަރުކޮށްދީފައެވެ. ސަރުކާރުން މި މަޝްރޫޢު އާރްޑީސީއާ ޙަވާލުކޮށް އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ 31 ޖުލައި 2025 ގައެވެ. އަދި މިދިޔަ އޮގަސްޓްމަހު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކުޅުދުއްފުށި ސިޓީއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި މި މަޝްރޫޢު ވަނީ ރަސްމީކޮށް އިފްތިތާޙްކޮށްދެއްވާފައެވެ.
މަޝްރޫޢުގެ ތިންވަނަ ފިޔަވަހީގެ ދަށުން ކުޅުދުއްފުށި ސިޓީގެ 3.4 ކިލޯ މީޓަރުގެ މަގުގައި ތާރު އެޅުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން ދުވާރު ހެދުމާއި، ފެން ހިންދާ ނިޒާމް ޤާއިމްކުރުމާއި، ރޯޑް މާރކިން ޖެހުމުގެ އިތުރުން ސައިން ބޯޑް ހަރުކުރުމުގެ މަސައްކަތްވެސް ކުރިއަށްދާނެއެވެ. އަދި މި މަޝްރޫޢުގެ ދަށުން ކުޅުދުއްފުށި ސިޓީގައި މިހާތަނަށް ނުހަދާ ހުރި ހުރިހާ މަގެއް ޑިޒައިން ކުރުމަށްވެސް ވަނީ ނިންމާފައެވެ.
ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީ.އެސް.އައި.ޕީ) ގެ ދަށުން ކުރިއަށްގެންދާ މި މަޝްރޫޢަކީ ޖުމްލަ 100.4 މިލިޔަން ރުފިޔާ ޚަރަދުކޮށްގެން ހިންގާ މަޝްރޫޢެކެވެ. އާރްޑީސީއާ މި މަސައްކަތް ޙަވާލުކޮށްފައިވަނީ 730 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ.
ކުޅުދުއްފުށީގެ މަގުތައް ހެދުމުގެ މަސައްކަތް މީގެ ކުރިންވެސް ދެ ފިޔަވައްސަކަށް ބަހާލައިގެން ވަނީ ކުރިއަށްގެންގޮސްފައެވެ. އެގޮތުން ފުރަތަމަ ފިޔަވަހީގައި 18 މަގެއްގައި ތާރު އަޅާފައިވާއިރު، 2022 ވަނަ އަހަރު ފެށި ދެވަނަ ފިޔަވަހީގެ ދަށުން 24 މަގެއް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަސައްކަތް ވަނީ ފަށާފައެވެ. މި ހުރިހާ ފިޔަވައްސެއްގެ މަސައްކަތްވެސް ކުރިއަށްގެންގޮސްފައިވަނީ އާރްޑީސީންނެވެ.
ކުޅުދުއްފުއްޓަކީ ރާއްޖޭގެ އުތުރުގެ އަތޮޅުތަކުގެ މައި ހަބުގެ ގޮތުގައި ބެލެވޭ، އާބާދީ ބޮޑު ސިޓީއެކެވެ. ރީޖަނަލް ހޮސްޕިޓަލާއި، އެއާޕޯޓް އަދި ސަރުކާރުގެ މުހިންމު އިދާރާތައް ހުންނަ މި ސިޓީއަކީ ކޮންމެ ދުވަހަކުވެސް އެކި ޚިދުމަތްތަކަށް ގިނަ އަދަދެއްގެ ބަޔަކު ޒިޔާރަތްކުރާ ތަނަކަށްވާތީ، މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމަކީ ރަށުގެ އިޤްތިޞާދީ އަދި އިޖުތިމާޢީ ކުރިއެރުމަށް ލިބޭނެ ބޮޑު ބާރެކެވެ.

