ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި އިލެކްޝަނުގައި ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ފަރާތުން ވާދަކުރާނެ ކެންޑިޑޭޓަކު ހޮވުމަށް ބޭއްވި ޕްރައިމަރީ، އެ ދާއިރާގެ ކުރީގެ މެންބަރު މުޙައްމަދު ސިނާން ކާމިޔާބު ކުރައްވައިފިއެވެ.
މިއަދު ބޭއްވި މި ޕްރައިމަރީގެ ވަގުތީ ނަތީޖާ ދައްކާގޮތުން ސިނާން ޓިކެޓް ކަށަވަރުކުރެއްވީ ޖުމްލަ 226 ވޯޓު ހޯއްދަވައިގެންނެވެ. އޭނާއާ ވާދަކުރެއްވި ހިތަދޫ މޫލެކެޑެ ދާއިރާގެ މިހާރުގެ ކައުންސިލަރު އަހްމަދު ސައީދަށް ލިބިވަޑައިގަތީ 187 ވޯޓެވެ. މި އިންތިޚާބުގައި މާލޭގައި ބެހެއްޓި ފޮށިން ސިނާނަށް 59 ވޯޓު ލިބިވަޑައިގަތްއިރު، އައްޑޫގައި ބެހެއްޓި ފޮށިން އޭނާ ވަނީ 167 ވޯޓު ހޯއްދަވާފައެވެ.
ކޮންގްރެސް ޕާޓީގެ އިންތިހާބީ ކޮމިޓީގެ މުގައްރިރު މުހައްމަދު ޝަކީލް ވިދާޅުވީ، މި ޕްރައިމަރީގައި ވޯޓުލުމުގެ ހައްގު ލިބިފައިވާ 727 މެންބަރުންގެ ތެރެއިން 422 މެންބަރުން ވޯޓުލާފައިވާ ކަމަށެވެ. މިއީ ވޯޓުލުމުގެ ހައްގު ލިބިގެންވާ މީހުންގެ 58 އިންސައްތައަށްވުރެ މަތީ އަދަދެއްކަން ފާހަގަކުރައްވައި ޝަކީލް ވިދާޅުވީ، “ޕާޓީއެއްގެ އެތެރޭގެ އިންތިހާބަކަށް ބަލާއިރު މިއީ ވަރަށް ރަނގަޅު އަދަދެއް” ކަމަށެވެ.
ޝަކީލް އިތުރަށް ވިދާޅުވީ ހިތަދޫ އުތުރު ދާއިރާގެ ގޮނޑި ކާމިޔާބުކުރުމުގެ ރޫހު ޕާޓީގެ ތެރޭގައި ވަރަށް ބޮޑަށް އެބައޮތް ކަމަށެވެ. މިއަދުގެ ވޯޓުލުން ކުރިއަށް ގެންގޮސްފައިވަނީ ހެނދުނު 9:00 އިން ފެށިގެން ހަވީރު 4:00 އާ ހަމައަށެވެ.
އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވަނީ ހިތަދޫ އުތުރު ދާއިރާގެ ބައި އިލެކްޝަން އަންނަ ޖޫން މަހުގެ 6 ވަނަ ދުވަހު ބޭއްވުމަށެވެ. މި އިންތިޚާބަށް ކުރިމަތިލުމުގެ ފުރުސަތު މި މަހުގެ 29 ވަނަ ދުވަހުގެ މެންދުރުފަހު 3:00 އާ ހަމައަށް ވަނީ ހުޅުވާލެވިފައެވެ.

