މާލޭ ސިޓީގެ މޭޔަރު އާދަމް އާޒިމަށް ބަޔަކު ހަމަލާދިނީ ސަރުކާރުން ރާވައިގެން ކަމަށް އޭނާ ކުރެއްވި ތުހުމަތުތަކަކީ ކަނޑައެޅިގެން ދޮގެއް ކަމަށާއި، އެއީ ވަރަށް ދަށުދަރަޖައިގެ ވާހަކަތަކެއް ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާނު މުޙައްމަދު ޙުސައިން ޝަރީފް (މުންދު) ވިދާޅުވެއްޖެ އެވެ.
އެމްޑީޕީން މާލޭގައި މިހާރު ބާއްވަމުންދާ ސިލްސިލާ މުޒާހަރާތަކުގެ ތެރެއިން ރޭ ބޭއްވި މުޒާހަރާގައި ބޮޑުރަސްގެފާނު މަގުން ގަލޮޅު ސަހަރާ ކައިރިން އާޒިމް ވަޑައިގަންނަވަނިކޮށް ދެ މީހަކު ވަނީ މުޒާހަރާގެ ތެރެއަށް ވަދެގަނެ އާޒިމަށް ހަމަލާދޭން އުޅެފަ އެވެ. މުޒާހަރާ ނިންމާލުމަށްފަހު މީޑިއާތަކަށް ދެއްވި އިންޓަވިއުއެއްގައި މޭޔަރު އާޒިމް ވަނީ އޭނާއަށް ދިން ހަމަލާއަކީ ސަރުކާރުން ރާވައިގެން ކުރި ކަމެއް ކަމަށް ތުހުމަތު ކުރައްވާފަ އެވެ.
މޭޔަރު އާޒިމް ވިދާޅުވީ، “މުޒާހަރާގެ ތެރެއިން ގުރޫޕަކުން އައިސް އަޅުގަނޑު މޭމަތީގަ ޖެހީ. ދެން އެވަގުތު ކައިރީގަ ތިބިމީހުން އަޅުގަނޑަށް ހިމާޔަތްދިން. އަޅުގަނޑު ޤަބޫލުކުރަނީ މިއީ ސަރުކާރުން ރާވައިގެން ކުރިކަމެކޭ،” ކަމަށެވެ.
މި ހަމަލާ ކުށްވެރި ކުރައްވައި “އެމްއެމް” ޓީވީއަށް މައުލޫމާތުދެއްވަމުން ތަރުޖަމާނު މުންދު ވިދާޅުވީ ރައްޔިތުންގެ ހިދުމަތުގައި ތިބޭ ބޭފުޅުންނަށް އަމާޒުކޮށް ދޭ މިފަދަ ހަމަލާތަކަކީ ސަރުކާރުން ބަލައިގަންނާނެ ކަމެއް ނޫން ކަމަށެވެ. އަދި އެދިވަޑައިގެންފި ނަމަ ފުލުހުންގެ ހިމާޔަތް މޭޔަރަށް ލިބިވަޑައިގަންނަވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ތަރުޖަމާނު އިތުރަށް ވިދާޅުވީ، މި ހާދިސާއާ ގުޅިގެން އެމްޑީޕީއަކުން ވެސް، މާލެ ސިޓީ ކައުންސިލުން ވެސް އަދި އަމިއްލަފުޅު ހައިސިއްޔަތުން ވެސް މިހާތަނަކަށް މި މައްސަލަ ކަމާ ބެހޭ އެއްްވެސް އިދާރާއަކަށް ހުށަހަޅުއްވާފައެއް ނުވާ ކަމަށެވެ. “މިއީ ޒިންމާދާރު ގޮތެއް ނޫން. ކަމެއް ދިމާވެއްޖެ ނަމަ ފުލުހުންނަށް ރިޕޯޓުކުރަން ވާނެ،” މުންދު ވިދާޅުވި އެވެ.
ސަރުކާރުން ދިން ހަމަލާއެކޭ އާޒިމް ވިދާޅުވާ ވިދާޅުވުމަށް ރައްދު ދެއްވަމުން މުންދު ވިދާޅުވީ އެއީ ކޮންގޮތަކުން މައުލޫމާތު ލިބިވަޑައިގެން އާޒިމް ދެއްކެވި ވާހަކަފުޅެއް ކަމެއް އެނގިވަޑައިނުގަންނަވާ ކަމަށާއި، އެއީ ދޮގު ވާހަކަފުޅެއް ކަމަށެވެ. އަދި ޒިންމާދާރު މަގާމެއްގައި ހުންނަވައިގެން އެފަދަ ދޮގު ވާހަކަތައް ދެއްކެވުމަކީ ރަނގަޅު ކަމެއް ނޫން ކަމަށް ވެސް އޭނާ ފާހަގަކުރެއްވި އެވެ. މި މައްސަލަ މިހާރު ފުލުހުން ތަހުގީގުކުރަމުންދާ ކަމަށް ވެސް ސަރުކާރުން ވަނީ ހާމަކޮށްފަ އެވެ.

