މާލެ ސިޓީގައި 500 ފްލެޓު އެޅުމަށް ދިވެހިރާއްޖެ އާއި ޗައިނާއާ ދެމެދު މިއަދު މުހިންމު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ. މި އެއްބަސްވުމަކީ މާލޭގެ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ހޯދުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ދަށުން ވެވުނު އެއްބަސްވުމެކެވެ.
މިނިސްޓްރީ އޮފް ހައުސިން، ލޭންޑް އެންޑް އަާބަން ޑިވެލޮޕްމަންޓުން ހާމަކުރި ގޮތުގައި، މި އެއްބަސްވުމުގައި ސޮއިކުރީ ޗައިނާގެ ވެރިރަށް ބެއިޖިންގައި މިދިޔަ އަންގާރަ އަދި ބުދަ ދުވަހު ކުރިއަށްދިޔަ “ހައި ލެވެލް ކޮންފަރެންސް އޮން ގްލޯބަލް އެކްޝަން ފޯ ޝެއާޑް ޑިވެލޮޕްމަންޓް” ގެ ހަވާސާގައެވެ. މި މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކުރެވުނީ އެ ބައްދަލުވުމުގެ މަޝްވަރާތަކުގެ “މިނިޓްސް އޮފް ދަ މީޓިން” ގައެވެ.
މި މަޝްރޫއުގެ އެންމެ ފާހަގަކޮށްލެވޭ އެއް ކަމަކީ، މާލޭގައި އަޅާ މި 500 ފްލެޓުގެ މަޝްރޫއަށް ބޭނުންވާ ފައިސާ ޗައިނާ ސަރުކާރުން ހަމަޖައްސައިދެނީ އެއްވެސް އިންޓަރެސްޓަކާ ނުލައި ކަމަށް ހައުސިން މިނިސްޓްރީން ވިދާޅުވުމެވެ.
މި އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އިބްރާހީމް ތޮއާމް މުހައްމަދު އެވެ. ޗައިނާ ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ޗައިނާ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް ކޯޕަރޭޝަން އޭޖެންސީ (ސީއައިޑީސީއޭ) ގެ ޗެއާމަން ލިޔު ޖުންފެންގް އެވެ.
މީގެ އިތުރުން، ޗައިނާގެ އެހީގައި ރާއްޖޭގައި މިހާރުވެސް ކުރިއަށްދާ އަދި ކުރިއަށް ރޭވިފައިވާ ތަރައްގީގެ މަޝްރޫއުތަކާ ގުޅޭގޮތުން ދެ ގައުމުގެ ދެމެދުގައި އިތުރު ބައްދަލުވުމެއް ބާއްވާފައިވާ ކަމަށް މިނިސްޓްރީން ބުނެއެވެ. މި ބައްދަލުވުމުގައި، މި މަޝްރޫއުތައް ކަނޑައެޅިފައިވާ ތާވަލާ އެއްގޮތަށް ޔަގީންކަމާއެކު ކުރިއަށްގެންދިއުމަށް ދެ ފަރާތުންވެސް ފުރިހަމަ އެއްބާރުލުން ދޭނެކަމުގެ ޔަގީންކަން ވަނީ ދީފައެވެ.

