ސައުދީ އަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒްގެ ހިއުމަނިޓޭރިއަން އެންޑް ރިލީފް ސެންޓަރުން ރާއްޖެއަށް ހަދިޔާ ކުރި 50 ޓަނުގެ ކަދުރު ބަހަން އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ފަށައިފިއެވެ.
އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ކުރި އިއުލާނެއްގައި ބުނެފައިވަނީ، ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 9:15 އިން ފެށިގެން ނަމްބަރު ހުސްވަންދެން ކަދުރު ދޫކުރުމުގެ މަސައްކަތް އެ ވުޒާރާގައި ކުރިއަށްދާނެ ކަމަށެވެ. ކަދުރު ދޫކުރުން ކުރިއަށްދާނީ މެންދުރުފަހު 13:15 އާ ހަމައަށެވެ.
ކަދުރު ބެހުމުގައި ވަކި އުސޫލުތަކެއް ވަނީ ކަނޑައަޅާފައެވެ. އެގޮތުން ކޮންމެ ދުވަހަކު ވެސް ހާއްސަ އެހީއަށް ބޭނުންވާ މީހުންނާއި އުމުރުން ދުވަސްވީ މީހުންނަށް 100 ނަމްބަރު ދޫކުރާއިރު، އާންމު ފަރާތްތަކަށް 250 ނަމްބަރު ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ.
ކަދުރު ބަލާދާއިރު ގެންދަންޖެހޭ ތަކެތީގެ ތެރޭގައި، ކަރަންޓު މީޓަރު ނަމްބަރު އެނގޭނެ ލިޔުމަކާއި، ކަދުރާ ހަވާލުވާ ފަރާތުގެ އައިޑީކާޑު ހިމެނެއެވެ. އެ ވުޒާރާއިން ވިދާޅުވި ގޮތުގައި ކޮންމެ ފަރާތަކަށް ވެސް ކަދުރު ދޫކުރެވޭނީ ގިނަވެގެން ފަސް މީޓަރު ނަމްބަރަށެވެ.
މީގެ އިތުރުން، އަތޮޅުތެރޭގެ ރަށްރަށަށް ކަދުރު ފޯރުކޮށްދިނުމަށްޓަކައި، އެ ވުޒާރާގެ ކައުންޓަރު އެކަކުން ކައުންސިލްތަކަށް ކަދުރު ދޫކުރުމުގެ އިންތިޒާމު ވެސް ވަނީ ހަމަޖައްސާފައެވެ.

