ސިއްހަތާއި އާއިލާއާއި އިޖުތިމާއީ އެހީއާ ބެހޭ ވުޒާރާގެ ދަށުން ހިންގަމުންދާ މެންޓަލް ހެލްތް ޑިޕާޓްމެންޓަށް ގިނަ އަދަދެއްގެ މުވައްޒަފުން ހޯދުމަށް އެ ވުޒާރާއިން އިއުލާންކޮށްފިއެވެ. ހުޅުމާލޭގައި ހިންގަމުންދާ ނޭޝަނަލް މެންޓަލް ހެލްތު ޑިޕާޓްމަންޓަށް މުވައްޒަފުން ބޭނުންވެގެން އިއުލާންކޮށްފައިވަނީ މިދިޔަ ބުރާސްފަތި ދުވަހުއެވެ.
މި ފަހަރު އިއުލާންކޮށްފައިވާ މަގާމުތަކުގެ ތެރޭގައި ލީޑް ސޯޝަލް ސަވިސް ވޯކަރެއްގެ މަގާމާއި، ސީނިއާ އެޑްމިނިސްޓްރޭޓިވް އޮފިސަރުގެ ދެ މަގާމު ހިމެނެއެވެ. މީގެ އިތުރުން، ސީނިއާ ސޯޝަލް ސާވިސް ވޯކަރުންގެ ގޮތުގައި މަސައްކަތް ކުރާނެ ނުވަ ފަރާތެއް ހޯދުމަށްވެސް ވަނީ އިއުލާންކޮށްފައެވެ.
މި މަގާމުތަކަށް ޝައުގުވެރިވާ ފަރާތްތަކުން މަގާމަށް އެދި ހުށަހަޅަންޖެހޭ ލިޔެކިޔުންތައް މި މަހުގެ 30 ވާ ބުދަ ދުވަހުގެ މެންދުރު 13:30 ގެ ކުރިން jobs@health.gov.mv އަށް އީމެއިލް މެދުވެރިކޮށް ހުށަހެޅުމަށް ސިއްހަތާއި ބެހޭ ވުޒާރާއިން ވަނީ އެދިފައެވެ.
މެންޓަލް ހެލްތު ޑިޕާޓްމަންޓަކީ ނަފްސާނީ ދުޅަހެޔޮކަމުގެ ދާއިރާއިން ދެވޭ ހިދުމަތްތައް ހަރުދަނާކޮށް، އިޖުތިމާއީ ގޮތުން އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އުފައްދާފައިވާ މުހިންމު އިދާރާއެކެވެ. މި މަގާމުތަކަށް މުވައްޒަފުން އައްޔަންކުރުމާއެކު އެ ޑިޕާޓްމަންޓުން ދެމުންގެންދާ ހިދުމަތްތައް އިތުރަށް ފުޅާވެގެންދާނެ ކަމަށް ބެލެވެއެވެ.

