ރާއްޖޭގެ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އެސްއެމްއީ ޑިޖިޓަލް މެދުވެރިކޮށް މި ސަރުކާރުން މިހާތަނަށް 375 މިލިޔަނަށްވުރެ ގިނަ ރުފިޔާގެ ލޯނު ދޫކޮށްފިއެވެ. މިއީ ރާއްޖޭގެ އެކި ސިނާއަތްތަކުގައި ހަރަކާތްތެރިވާ ވިޔަފާރިތައް ކުރިއެރުވުމަށް ދޫކޮށްފައިވާ ފައިސާއެވެ.
އެސްއެމްއީ ޑިޖިޓަލްއިން ހާމަކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، 17 ނޮވެމްބަރ 2023 އިން ފެށިގެން 15 އޭޕްރީލް 2026 ގެ ނިޔަލަށް ޖުމްލަ 575 ވިޔަފާރިއަކަށް ވަނީ މާލީ އެހީތެރިކަން ފޯރުކޮށްދީފައެވެ. މި އެހީތެރިކަން ރާއްޖޭގެ ހުރިހާ އަތޮޅެއް ހިމެނޭހެން 189 ރަށެއްގެ ކުދި ވިޔަފާރިތަކަށް ފޯރުކޮށްދީފައިވާ ކަމަށް އެ މުއައްސަސާއިން ވިދާޅުވެއެވެ.
އެކި ސިނާއަތްތަކަށް ބަލާއިރު އެންމެ ގިނައިން ލޯނު ދޫކޮށްފައިވަނީ އާންމު ވިޔަފާރިތަކަށާއި މަސްވެރިކަމުގެ ދާއިރާއަށެވެ. އެގޮތުން ދާއިރާތަކަށް ފައިސާ ދޫކޮށްފައިވާ މިންވަރަކީ:
- ވިޔަފާރި: 116 މިލިޔަން ރުފިޔާ
- މަސްވެރިކަން: 102 މިލިޔަން ރުފިޔާ
- ފަތުރުވެރިކަން: 81 މިލިޔަން ރުފިޔާ
- އުފެއްދުންތެރިކަން: 34 މިލިޔަން ރުފިޔާ
- ދަތުރުފަތުރު: 21 މިލިޔަން ރުފިޔާ
- ދަނޑުވެރިކަން އަދި އިންފޮމޭޝަން ޓެކްނޮލިޖީ: ކޮންމެ ދާއިރާއަކަށް 6 މިލިޔަން ރުފިޔާ
- އިމާރާތްކުރުން: 5 މިލިޔަން ރުފިޔާ
އެސްއެމްއީ ޑިޖިޓަލްއިން ވިދާޅުވީ، މި ފައިނޭންސިންގ ފުރުޞަތުތަކުގެ އެހީގައި އާ ޚިޔާލުތައް އާމްދަނީ ލިބޭ ފަދަ ވިޔަފާރިތަކަށް ބަދަލުވެފައިވާ ކަމަށެވެ. މީގެ ސަބަބުން ޒުވާނުންނަށާއި، ފްރީލާންސްކޮށް މަސައްކަތް ކުރާ ފަރާތްތަކުގެ އިތުރުން ގޭގައި މަސައްކަތް ކުރާ ފަރާތްތަކަށް ބޮޑެތި މަންފާތަކެއް ލިބިފައިވާކަން އެ ކުންފުނިން ފާހަގަކުރެއެވެ.
ޚާއްޞަ ގޮތެއްގައި އަންހެން ވިޔަފާރިވެރިން އިޤްތިސާދީ ގޮތުން ބާރުވެރި ކުރުމަށްޓަކައި މާލީ މިނިވަންކަން ކަށަވަރު ކޮށްދޭނެ ޚާއްޞަ ސްކީމްތަކެއް އެކުލަވާލާފައިވާ ކަމަށްވެސް އެސްއެމްއީ ޑިޖިޓަލްއިން ވިދާޅުވިއެވެ. މީގެ އިތުރުން، މަސްވެރިކަމާއި ފަތުރުވެރިކަމުގެ ދާއިރާގައި ބޭނުންކުރާ އުޅަނދުފަހަރު ހޯދުމަށް ލުއިފަސޭހަ އުސޫލުތަކެއްގެ ދަށުން އެހީތެރިކަން ފޯރުކޮށްދިނުމަށް އެ މުއައްސަސާއިން އިސްކަންދެއެވެ.
2019 ވަނަ އަހަރު ޤާއިމްކުރި އެސްއެމްއީ ޑިޖިޓަލްއަކީ ރާއްޖޭގައި ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް އެންމެ ފުޅާދާއިރާއެއްގައި ފައިނޭންސިންގ ފޯރުކޮށްދޭ އެއް މުއައްސަސާއެވެ.

