ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން ލިމިޑެޓްގެ ޑިރެކްޓަރުންގެ ބޯޑަށް އައު މެންބަރުންތަކެއް އައްޔަނުކުރައްވައިފިއެވެ.
ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުން (ޕީސީބީ) މިއަދު ހާމަކުރި ގޮތުގައި، އެ ކުންފުނީގެ ބޯޑަށް ހަތަރު މެންބަރަކު ވަނީ އައްޔަނު ކުރައްވާފައެވެ.
ބޯޑު މެންބަރު ކަމަށް އަލަށް އައްޔަނު ކުރެއްވި ބޭފުޅުންނަކީ ކ. ތުލުސްދޫ، ވިލަރެސް ހުދާ ފަހީމް އާއި ރ. ރަސްގެތީމު، ރަސްވެލި ޢާއިޝަތު މަލްޙާ އާއި މއ. ރިހިރާޅު ޢަލީ ޝިނާންގެ އިތުރުން މ. ވާރޭވިލާ ޢާއިޝަތު ޢަލީ އެވެ. މީގެ ތެރެއިން ޢާއިޝަތު މަލްޙާ ބޯޑަށް އައްޔަނުކުރައްވާފައިވަނީ އެކައުންޓިން އެންޑް ފައިނޭންސް ދާއިރާގެ ތަޖުރިބާކާރެއްގެ ގޮތުގައެވެ.
ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން ލިމިޓެޑަކީ ކުރިން “މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން ލިމިޓެޑް” (އެމްއެމްޕީއާރުސީ) ގެ ނަމުގައި ހިންގަމުން އައި ކުންފުންޏެވެ. މި ކުންފުނީގެ ނަން ބަދަލުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ނިންމަވައި، އެކަން ތަންފީޒުކުރައްވާފައިވަނީ ޖުލައި 13، 2025 ގައެވެ.
މި ކުންފުންޏަކީ ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތް ކުރިއަރުވައި، ރާއްޖެއަކީ ދުނިޔޭގެ ފެންވަރުގައި ފާހަގަކޮށްލެވޭ މަންޒިލެއްގެ ގޮތުގައި އިޝްތިހާރުކުރުމުގެ މައިގަނޑު މަސްއޫލިއްޔަތު އުފުލާ ކުންފުންޏެވެ. ސަރުކާރުގެ އިސްތިރާޖީ ސިޔާސަތުތަކުގެ ދަށުން، ދެމެހެއްޓެނިވި ގޮތެއްގައި ރާއްޖޭގެ ފަތުރުވެރިކަން ޕްރޮމޯޓުކޮށް، މާކެޓިންގެ އެންމެހައި މަސައްކަތްތައް މެދުކެނޑުމެއްނެތި ކުރިއަށް ގެންދިއުމަކީ މި ކުންފުނީގެ މައިގަނޑު މަގުސަދެވެ.

