އއ. ރަސްދޫގައި އަޅާ ހޮސްޕިޓަލުގެ އާ އިމާރާތުގެ މަސައްކަތް ބާރުސްޕީޑުގައި ކުރިއަށްދާ ކަމަށް އެ މަސައްކަތް ކުރަމުން އަންނަ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ހާމަކޮށްފިއެވެ.
އެމްޓީސީސީން ވިދާޅުވީ، ރަސްދޫ ހޮސްޕިޓަލް އާ އިމާރާތުގެ މަސައްކަތުގެ ތެރެއިން މިހާރު ކުރިއަށްދަނީ އެ ސަރަހައްދުގައި ކޮނުމުގެ ބައެއް މަސައްކަތްތައް ކަމަށެވެ. މި މަޝްރޫއަކީ އެ ރަށުގެ ސިއްހީ ހިދުމަތް އިތުރަށް ފުޅާކޮށް، ރައްޔިތުންނަށް ފެންވަރު ރަނގަޅު ހިދުމަތްތަކެއް ފޯރުކޮށްދިނުމަށް ސަރުކާރުން ކުރިއަށްގެންދާ މުހިންމު މަޝްރޫއެކެވެ.
ރަސްދޫ ހޮސްޕިޓަލްގެ އާ އިމާރާތުގެ ބިންގާ އަޅުއްވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެ ރަށަށް ކުރެއްވި ދަތުރުފުޅެއްގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ. މި ރަސްމިއްޔާތުގައި ކުރީގެ ހެލްތް މިނިސްޓަރު އަބްދުﷲ ނާޒިމް އާއި އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރު އަހްމަދު ސައުދީ ބައިވެރިވެވަޑައިގެންނެވިއެވެ.
މި ދަތުރުފުޅުގެ ތެރެއިން ރައީސް ޑރ. މުއިއްޒު ވަނީ ރަސްދޫ ހޮސްޕިޓަލުގައި އަލަށް ގާއިމުކުރި ޑައިލަސިސް ޔުނިޓް ރަސްމީކޮށް ހުޅުއްވައިދެއްވާ، އެތަނުގެ ހިދުމަތްތައް ބައްލަވާލައްވައިފައެވެ. މިއީ އެ ސަރަހައްދުގެ ރައްޔިތުންނަށް ލިބިގެންދިޔަ ބޮޑު ލުޔެކެވެ.
ސިއްހީ ދާއިރާ ކުރިއަރުވައި އިތުރަށް ތަރައްގީ ކުރުމަށްޓަކައި، ސިއްހީ ހިދުމަތްދޭ ތަންތަނަށް ބޭނުންވާ ވަސީލަތްތަކާއި މުވައްޒަފުންގެ އިތުރުން ޖާގައިގެ ދަތިކަން ހައްލުކުރުމަށް ސަރުކާރުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. މިގޮތުން ރާއްޖޭގެ ވަރަށް ގިނަ ރަށްރަށުގައި ހެލްތު ސެންޓަރުތަކާއި ހޮސްޕިޓަލްތަކުގެ އާ އިމާރާތް އެޅުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައިވެއެވެ.

