ބަންނަމުންދިޔަ ސަފާރީއަކަށް ޑެގެއް އަރުވަން އުޅުމުގެ ތެރޭގައި އެ ޑެގު ކަހާލައިގެން ވެއްޓި، ހަ މީހަކަށް ބޮޑެތި އަނިޔާތަކެއް ލިބިއްޖެ އެވެ. މި ނުރައްކާތެރި ހާދިސާ ހިނގާފައިވަނީ ސަފާރީ ބަނުމުގެ މަސައްކަތަށް މަޝްހޫރު ރ. އިންނަމާދޫގަ އެވެ.
އިންނަމާދޫން މަޢުލޫމާތު ދިން މީހަކު ބުނި ގޮތުގައި، މި ހާދިސާ ހިނގީ ބަންނަމުންދިޔަ ސަފާރީ ބޯޓަކަށް ޑެގް އަރުވަން އުޅުމުގެ ތެރޭގައި އެ ޑެގު ކަހާލައިގެން ވެއްޓުމުގެ ސަބަބުންނެވެ. މި ހާދިސާގައި އަނިޔާވެފައިވަނީ ފަސް ބިދޭސީންނާއި އެއް ދިވެއްސަކަށް ކަމަށް އޭނާ ކަށަވަރުކޮށްދީފައިވެ އެވެ.
މި ހާދިސާގައި އަނިޔާވި ހަ މީހުންނަށް ވެސް އެކިވަރުގެ ޒަޚަމްތައް ލިބިފައިވާއިރު، ބައެއް މީހުންގެ ހަށިގަނޑުގެ ބައެއް ގުނަވަންތައް ބިނދި ބޮޑެތި އަނިޔާތަކެއް ލިބިފައިވާ ކަމަށް މަޢުލޫމާތު ލިބެއެވެ. ޚާއްޞަކޮށް، އެކެއްގެ މޭކަށިގަނޑު ބިނދި ހާލު ވަރަށް ސީރިއަސް ކަމަށް ރަށުން ވާހަކަ ދެއްކި މީހާ ބުނެފައިވެ އެވެ.
އަނިޔާވި މީހުންނަށް އަވަސް ފަރުވާ ދިނުމަށްފަހު، އިތުރު ފަރުވާއަށް މިހާރު ވަނީ ރ. އުނގޫފާރުގައި ހުންނަ ރީޖަނަލް ހޮސްޕިޓަލަށް ގެންގޮސްފަ އެވެ. މި ހާދިސާއާ ގުޅިގެން ކަމާބެހޭ ފަރާތްތަކުން ބަލަންޖެހޭ ކަންކަން ބަލަމުންދާނެ ކަމަށް ބެލެވެ އެވެ.

