ސަރުކާރުގެ ބަޖެޓުން ޚަރަދުކޮށްގެން މާލޭގައި ނަފްސާނީ ބަލިތަކަށް ޚާއްސަ ހޮސްޕިޓަލެއް އެޅުމަށް ނިންމަވާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިޢުލާނު ކުރައްވައިފިއެވެ. ރައީސް މިކަން ހާމަކުރެއްވީ ސިލްސިލާކޮށް ބާއްވަވާ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުންނެވެ.
ރާއްޖޭގައި ނަފްސާނީ ބަލިތައް ތަހައްމަލް ކުރާ މީހުންގެ އަދަދު އިތުރުވަމުންދާތީ، އެކަމަށް އަވަސް ހައްލެއް ހޯދުމުގެ މުހިންމުކަން ރައީސް ފާހަގަކުރެއްވިއެވެ. މީގެކުރިން ބޭރުގެ ލޯނު އެހީގައި ލ. ގަމުގައި ނަފްސާނީ ހޮސްޕިޓަލެއް އެޅުމަށް މަސައްކަތް ކުރެވުނު ނަމަވެސް، ލޯނުގެ އިޖުރާއަތްތައް ދިގުލައިގެންދާތީ ސަރުކާރުން މިހާރު ވަނީ ސީދާ ދައުލަތުގެ ބަޖެޓުން މާލޭގައި ފެސިލިޓީއެއް ގާއިމުކުރަން ނިންމާފައެވެ.
ރައީސް ވިދާޅުވީ ލޯނު އެހީގައި ގަމުގައި އެޅުމަށް ހަމަޖެހިފައިވާ މަޝްރޫޢު ކެންސަލް ނުކުރާނެ ކަމަށެވެ. "ބޭރުގެ ލޯނުން މިކަން ކުރުމަށްޓަކައި އަޅުގަނޑު ވާނީ ވަރަށް ގިނަ މަސައްކަތްތަކެއް ކޮށްފައި. އެހެންނަމަވެސް އަދިވެސް އެ ޕްރޮސީޖަރ ދިގުކަމުން ލޯނެއް ހަމަޖެހިގެން މި ޕްރޮޖެކްޓް ފެށޭގޮތް ނުވެ ލަސްވަމުން ދާތީ… ސަރުކާރުގެ ބަޖެޓުން ސީދާ މެންޓަލް ހެލްތު ފެސިލިޓީ/ ހޮސްޕިޓަލް އެޅުމަށް މިހާރު މި ނިންމީ،" ރައީސް ވިދާޅުވިއެވެ.
ލޯނު ފެސިލިޓީގެ ދަށުން ގަމުގައި އެޅުމަށް ޑިޒައިންކޮށްފައިވަނީ 14,000 އަކަފޫޓުގެ ބިމެއްގައި 18 މިލިއަން ޑޮލަރުގެ މަޝްރޫޢެކެވެ. މާލޭގައި އެޅުމަށް ނިންމާފައިވާ ހޮސްޕިޓަލަށްވެސް އެވަރުގެ ބިމެއް މިހާރު ހަމަޖެހިފައިވާކަމަށް ރައީސް މައުލޫމާތު ދެއްވިއެވެ.
ނަފްސާނީ ދުޅަހެޔޮކަމަށް ސަރުކާރުން ދޭ ސަމާލުކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، އާސަންދައިގެ ދަށުން ނަފްސާނީ ބަލިތަކަށް ފަރުވާ ދޭން ފެށިފަހުން ގިނަ ބަޔަކު އެ ޚިދުމަތް ހޯދާފައިވާ ކަމަށެވެ. އެގޮތުން މިއަހަރުގެ ޖަނަވަރީ 1 އިން އޭޕްރީލް 23 އާ ހަމައަށް 10,954 މީހަކަށް ސައިކޭޓްރިކް ކޮންސަލްޓޭޝަން އަދި ސައިކޮލޮޖިކަލް ތެރަޕީގެ ޚިދުމަތް ފޯރުކޮށްދެވިފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

