ރ. ރަސްގެތީމުގައި އެކަނި ދިރިއުޅެމުންދިޔަ މީހެއްގެ ހަބަރެއް ނުވެގެން ފުލުހުންނަށް ލިބުނު ރިޕޯޓަކާ ގުޅިގެން ގޮސް ބެލިއިރު، އެ މީހާ މަރުވެފައި އޮއްވާ ފެނިއްޖެއެވެ.
ފުލުހުން މައުލޫމާތު ދީފައިވާ ގޮތުގައި، ރަސްގެތީމުގައި އެކަނި ދިރިއުޅެމުންދިޔަ މީހެއްގެ ހަބަރެއް ނުވެ ދެ ދުވަސް ވެފައިވާކަމަށް ރިޕޯޓު ލިބުމާ ގުޅިގެން، ފުލުހުން ވަނީ ރޭ 21:53 އެހައިކަންހާއިރު އެ މީހާ ދިރިއުޅޭ ގެއަށް ވަދެފައެވެ. އެ މީހާ ފެނުނު އިރު އޮތީ ނިޔާވެފައި ކަމަށް ފުލުހުން ބުނެއެވެ.
މި ހާދިސާގައި ނިޔާވެފައި އޮއްވާ ފެނިފައިވަނީ ރ. ރަސްގެތީމު، ސޯސަންގެ، އުމުރުން 55 އަހަރުގެ އިބްރާހީމް ޔޫސުފުފުޅު އެވެ.
ފުލުހުން އިތުރަށް ބުނެފައިވަނީ، މި މައްސަލައާ ގުޅިގެން މިހާތަނަށް ބެލި ބެލުމުން، އިބްރާހީމް ޔޫސުފުފުޅުގެ ހަށިގަނޑުގެ ބޭރުފުށުން އެއްވެސް އަނިޔާއެއްގެ ނިޝާނެއް ފެންނަން ނެތް ކަމަށެވެ.
މި ހާދިސާއާ ގުޅިގެން ބަލަން ޖެހޭ އިތުރު ކަންކަން ފުލުހުން މިހާރު ދަނީ ތަހުގީގު ކުރަމުންނެވެ.

