ބުލީކުރުމަކީ ޖިނާއީ ކުށަކަށް ހަދައި، އެފަދަ މައްސަލަތަކަށް ހަރުކަށި ޖިނާއީ ފިޔަވަޅުތައް އެޅުމަށްޓަކައި ޚާއްސަ "އެންޓި ބުލީ" ގާނޫނެއް ފަރުމާކުރުމުގެ މަސައްކަތް ސަރުކާރުން ފަށާފައިވާކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ހާމަކުރައްވައިފިއެވެ.
މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ބުލީ ކުރުމުގެ މައްސަލައަކީ ދުނިޔޭގެ އެހެން ގައުމުތަކެކޭ އެއްފަދައިން ރާއްޖޭގައި ވެސް އޮތް ބޮޑު މައްސަލައެއް ކަމަށެވެ. މި މައްސަލަ ހައްލުކުރުމަށް ބަންޑާރަނައިބުގެ އޮފީހުން މިހާރު ގާނޫނެއް ފަރުމާކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށާއި، މި ގާނޫނުގެ ސަބަބުން އެކި ބާވަތްތަކުގެ ބުލީގެ މައްސަލަތައް ހައްލުކުރަން ބޮޑު ލުޔެއް ލިބޭނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
"މިކަން އިތުރަށް ހުއްޓުވުމަށްޓަކައި، އަދި ޕްރިވެންޓިވް އެކިކަހަލަ މެޝާސްތައް ލުމައްޓަކައި، މިފަދަ އަމަލްތައް ކުރާ ފަރާތްތަކަށް ފިޔަވަޅު އެޅުން އިތުރަށް ހަރުދަނާ ކުރުމަށްޓަކައި ބުލީ ކުރުން އެއީ ގާނޫނީ ކުށެއް ކަމަށް ކަނޑައެޅުމަށް އެކަމަށް ހާއްސަ ގާނޫނެއް، އެންޓި ބުލީ ގާނޫނެއް ތައާރަފް ކުރުމުގެ މަސައްކަތް ސަރުކާރުން ވަނީ ފަށައިފަ،" ރައީސް
މި މަސައްކަތް ކުރިއަށްދަނީ ފަންނީ ބޭފުޅުންގެ ލަފަޔާއެކު ކަމަށާއި، މަޝްވަރާތައް ނިމުމުން ރައްޔިތުންގެ މަޖިލީހަށް ބިލު ހުށަހަޅުއްވާނެ ކަމަށް ވެސް ވިދާޅުވިއެވެ.
އަލަށް އެކުލަވާލާ ގާނޫނުގައި ބުލީގެ އަމަލުތައް ކުށަކަށް ވާނެ ގޮތްތަކާއި، އެ ގާނޫނު ހިނގާނެ ދާއިރާތައް ބަޔާންކުރާނެއެވެ. އޭގެ ތެރޭގައި ސްކޫލުތަކާއި، ކޮލެޖުތަކާއި، ޔުނިވަރސިޓީތަކުގެ އިތުރުން ވަޒީފާގެ މާހައުލާއި ސިއްހީ ހިދުމަތްދޭ ތަންތަން ހިމެނޭނެއެވެ. އަދި އޮންލައިންކޮށް ކުރާ ބުލީ ނުވަތަ ސައިބަރ ބުލީން ހުއްޓުވުމުގެ ބައިތައް ވެސް މި ބިލުގައި ހިމެނޭނެ ކަމަށް ރައީސް ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން، ސްކޫލުތަކުގައި ބުލީ ކުރުން ހުއްޓުވުމުގެ ސިޔާސަތުތަކެއް އެކުލަވާލުމާއި، ބުލީ ކުރާ ކުދިންނާ މެދު ފިޔަވަޅުއަޅާނެ ނިޒާމެއް ގާއިމުކުރުމާއި، ގަވާއިދުން މައްސަލަ ސެންޓަރަލް އޭޖެންސީއަކަށް ހުށަހެޅުމުގެ އިޖުރާއަތުތައް މި ބިލުގައި ހިމެނިގެންދާނެއެވެ. ރައީސް ވިދާޅުވީ 2024 ވަނަ އަހަރު ގާނޫނުލް އުގޫބާތަށް ގެނެވުނު އިސްލާހުތަކުގައި ވެސް އޮންލައިންކޮށް ކުރާ މިފަދަ އަމަލުތައް ހުއްޓުވުމަށް ބައެއް ކަންކަން ހިމަނާފައިވާނެ ކަމަށެވެ.
ބުލީކުރުމަކީ ޖިނާއީ ކުށަކަށް ހަދައި ހަރުކަށި ފިޔަވަޅު އެޅުމާ މެދު މަޝްވަރާ ކުރަމުންދާކަން ދާހިލީ ސަލާމާތާއި ބެހޭ ވަޒީރު އަލީ އިހްސާން ވެސް ދާދި ފަހުން ވަނީ ވިދާޅުވެފައެވެ. ރާއްޖޭގައި ބުލީގެ ޝިކާރައަކަށްވެ މީހުންގެ ފުރާނަދާ ހިސާބަށް ކަންކަން ގޮސްފައިވާތީ، އާންމުން ދަނީ މިފަދަ އަމަލުތައް ކުރާ މީހުންނަށް ހަރުކަށި އަދަބު ދިނުމަށް ތަކުރާރުކޮށް ގޮވާލަމުންނެވެ.

