ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖުގެ މަގާމަށް ތިން ބޭފުޅަކު އައްޔަނު ކުރައްވައިފި އެވެ.
މި މަގާމަށް އައްޔަނު ކުރެއްވި ތިން ބޭފުޅުންނަކީ ކުރީގެ މިނިސްޓަރު އާދަމް ޝަރީފް އުމަރާއި، ކުރީގެ މިނިސްޓަރު ތޯރިގް އިބްރާހިމް އަދި ކުރީގެ ބަންޑާރަ ނައިބު ފާތިމަތު ދިޔާނާ ސަޢީދު އެވެ. ތަރުޖަމާން ވިދާޅުވީ މި ތިން ބޭފުޅުން ވެސް މަގާމުތަކަށް އައްޔަނު ކުރެއްވީ މިދިޔަ ހަފްތާގެ އެކި ދުވަސްމަތިން ކަމަށެވެ.
އާދަމް ޝަރީފް އުމަރަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުގައި ސިޓީސްތަކާއި އިދާރީ ދާއިރާތައް ހިންގުމާއި ބެހޭ މިނިސްޓަރުކަން ކުރެއްވި ބޭފުޅެކެވެ. އަދި ތޯރިގް އިބްރާހިމް ވަނީ ޓޫރިޒަމް މިނިސްޓަރުކަން ކުރައްވާފަ އެވެ. މި ދެ ބޭފުޅުން ވެސް މިނިސްޓަރުކަމުން އިސްތިއުފާ ދެއްވީ މި މަހުގެ 14 ވަނަ ދުވަހު އެވެ.
ދެ ބޭފުޅުންގެ އިސްތިއުފާއާ ގުޅޭގޮތުން ސަރުކާރުން ބުނެފައި ވަނީ، އެއީ ރައްޔިތުން އެދިވަޑައިގަންނަވާ ގޮތަށް ސަރުކާރު ހިންގެވުމަށް ރައީސުލްޖުމްހޫރިއްޔާ ގެންނަވަން ބޭނުންފުޅުވާ ހެޔޮ ބަދަލުތަކަށް ފުރުޞަތު ދެއްވުމުގެ ގޮތުން ނިންމެވި ނިންމެވުމެއް ކަމަށެވެ. އެ ދުވަހު މި ދެ ބޭފުޅުން ހިމެނިވަޑައިގަންނަވާހެން ޖުމްލަ 10 މިނިސްޓަރަކު ވަނީ އިސްތިއުފާ ދެއްވާފަ އެވެ.
އެމްބެސެޑާ އެޓް ލާޖުގެ މަގާމަށް ދެން އައްޔަނު ކުރެއްވި ފާތިމަތު ދިޔާނާ ސަޢީދަކީ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ ވެރިކަމުގައި ބަންޑާރަ ނައިބުކަން ކުރެއްވި ބޭފުޅެކެވެ. މީގެ އިތުރުން އެކަމަނާއަކީ ސާކުގެ ފުރަތަމަ އަންހެން ސެކްރެޓަރީ ޖެނެރަލްގެ މަގާމު ވެސް ފުރުއްވާފައިވާ ބޭފުޅެކެވެ.

