ސަރުކާރުގެ ވުޒާރާތަކާއި ކުންފުނިތަކުން އެކި މަސައްކަތްތައް ހަވާލުކުރި ކޮންޓްރެކްޓަރުންނަށް ދައްކަން ޖެހިފައި ހުރި ޕެންޑިން ބިލުތަކަށް މިދިޔަ އަހަރުގެ ނޮވެމްބަރު މަހުން ފެށިގެން މިހާތަނަށް 3.2 ބިލިއަން ރުފިޔާ ދައްކާ ނިންމާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ކޮންމެ ހަފުތާއެއްގެ ހޯމަ ދުވަހު ނޫސްވެރިންނާ ބައްދަލުކުރެއްވުމަށް ރައީސް ނިންމަވާފައިވާ ނިންމެވުމާ އެއްގޮތަށް މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ވަނީ ރާއްޖޭގެ މާލީ އަދި އިގްތިސާދީ ހާލަތާ ގުޅޭ ތަފްސީލީ މައުލޫމާތު ހިއްސާކުރައްވާފަ އެވެ. އެގޮތުން އެމަނިކުފާނު ވިދާޅުވީ ފާއިތުވި 21 ދުވަހުގެ ތެރޭގައި އެކަނިވެސް 924 މިލިއަން ޑޮލަރުގެ ދަރަނި ދައްކާފައިވާ ކަމަށެވެ. މީގެ ތެރޭގައި މި މަހުގެ ދެވަނަ ދުވަހު ދެއްކި 524 މިލިއަން ޑޮލަރުގެ ސްކޫކާއި، މި މަހުގެ 23 ވަނަ ދުވަހު ދެއްކި އިންޑިއާގެ ސްވެޕް ފެސިލިޓީގެ 400 މިލިއަން ޑޮލަރު ހިމެނެ އެވެ.
ރައީސް ވިދާޅުވި ގޮތުގައި މި ދަރަނިތައް ދައްކާފައިވަނީ ގައުމުގެ އެއްވެސް ހަރު މުދަލެއް ވިއްކާ ނުލައި، އަދި ރައްޔިތުންނަށް އެއްވެސް ކަހަލަ ގެއްލުމެއް ނުވަތަ ގައުމު ޑިފޯލްޓަކަށް ދިޔަ ނުދީއެވެ. މީގެ އިތުރުން ކުރީ ސަރުކާރުން ނެގި ލޯނުތަކުގެ ސަބަބުން ރަހުނުކޮށްފައި ހުރި ތަންތަން މި ސަރުކާރުން މިހާރު ސަލާމަތްކޮށްފައިވާ ކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވި އެވެ.
އެތެރޭގެ ދަރަނިތަކާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، “1 ނޮވެމްބަރުން 2025 އިން 26 އޭޕްރިލް އާ ހަމައަށް މިދިޔަ މުއްދަތު، ގާތްގަނޑަކަށް މިދިޔަ ހަ މަސް ދުވަހު، އެކި އެކި ދިވެހި ފަރާތްތަކަށް ލޯކަލް ވެންޑަރުންނަށް 3.3 ބިލިއަން ރުފިޔާ އެބަ ހުރި ޕޭކޮށްފައި. އެއީ ރައްޔިތުން ކޮށްފައި ހުރި މަސައްކަތް. އެކިއެކި ކުންފުނިތައް ނޫނީ މިނިސްޓްރީ މެދުވެރިކޮށް ކޮށްފައި ހުރި މަސައްކަތަށް އަޅުގަނޑުމެން ދީފީމޭ 3،300 މިލިއަން ރުފިޔާގެ ބިލު،” ކަމަށެވެ.
ސަރުކާރުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި އެވްރެޖުކޮށް ކޮންމެ ހަފްތާއަކު 700 ވެންޑަރުންނަށް ފައިސާ ދައްކަމުންދެ އެވެ. އަދި މި މަހުގެ ބާކީ އޮތް ދުވަސްތަކުގެ ތެރޭގައި އިތުރު 260 މިލިއަން ރުފިޔާ ދިވެހި ކުންފުނިތަކަށް ދެއްކިގެންދާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
ރައީސް މުއިއްޒު އިތުރަށް ވިދާޅުވީ ސަރުކާރުގެ އަމާޒަކީ ބޭރާއި އެތެރޭގެ ދަރަނިތައް ދައްކައި، ރައްޔިތުން ދަރަނިން ސަލާމަތްކުރުމާއެކު، ގައުމަށް ބޭނުންވާ ތަރައްގީ އާއި އިޖުތިމާއީ ހައްލުތައް ހޯދައިދިނުން ކަމަށެވެ.

