ދިވެހިރާއްޖޭގެ “ޑިޖިޓަލް ފަސްޓް ނޭޝަން” ޓްރާންސްފޮމޭޝަން އެޖެންޑާ ކުރިއަށް ގެންދިއުމުގެ މަޤްޞަދުގައި ބާއްވާ “މޯލްޑިވްސް ޑިޖިޓަލް ސަމިޓް 2026” މިއަދު ރަސްމީކޮށް ފަށައިފިއެވެ.
މޯލްޑިވްސް ޑިޖިޓަލް ސަރވިސް (އެމް.ޑީ.އެސް) އާއި ވޯލްޑްބޭންކް ގުޅިގެން ބާއްވާ މި ސަމިޓް ކުރިއަށްދަނީ މިއަދުން ފެށިގެން މި މަހުގެ 29 ވަނަ ދުވަހުގެ ނިޔަލަށް ބާސެލޯ ނަސަންދުރާ ހޮޓެލްގައެވެ. މި ސަމިޓަކީ ރާއްޖޭގެ “މޯލްޑިވްސް 2.0” ގެ ރޯޑުމެޕްގައި ހިމެނޭ ހަރަކާތްތަކާއި، އެ ވިޝަން ހާސިލުކުރުމަށް ބޭނުންވާ މުހިންމު މަޝްވަރާތައް ކުރުމަށް ބާއްވާ މަތީ ފަންތީގެ ބައްދަލުވުމެކެވެ.
މި ސަމިޓުގައި ޑިޖިޓަލް ޕަބްލިކް އިންފްރާސްޓްރަކްޗަރ އިނީޝިއޭޓިވްތައް އިތުރަށް ހަރުދަނާ ކުރުމަށްޓަކައި ދުނިޔޭގެ ލީޑަރުންނާއި، ބައިނަލްއަޤްވާމީ ސިޔާސަތު ކަނޑައަޅާ ފަރާތްތަކުގެ އިތުރުން ޑިޖިޓަލް ޓްރާންސްފޯމޭޝަން ދާއިރާގެ ބައިނަލްއަޤްވާމީ މާހިރުން ބައިވެރިވެވަޑައިގަންނަވައެވެ.
ސަމިޓުގެ މައިގަނޑު މަގްސަދަކީ އިންސްޓިޓިއުޝަނަލް ކޯޑިނޭޝަން ހަރުދަނާ ކުރުމާއި، ސަރުކާރުގެ ޚިދުމަތްތައް ޒަމާނީ ކުރުމުގެ އިތުރުން “ޑޭޓާ ޑްރައިވްން ގަވަރނަންސް” އެއް ޤާއިމުކުރުމާ ގުޅޭގޮތުން މަޝްވަރާކޮށް ޢަމަލީ ގުޅުންތައް ބަދަހިކުރުމެވެ. މި ބައްދަލުވުމުގެ ތެރެއިން ޑިޖިޓަލް ދައުލަތެއް ބިނާކުރުމަށް ދުނިޔޭގެ އެކި ޤައުމުތަކުން ބޭނުންކުރާ އެންމެ ރަނގަޅު އުސޫލުތަކާއި ތަޖުރިބާތައް ޙިއްޞާކުރުމަށް ވަނީ ހަމަޖެހިފައެވެ.
މި ސަމިޓުގައި ބައިނަލްއަޤްވާމީ ފެންވަރުގައި ފާހަގަކޮށްލެވޭ ކީނޯޓް ސްޕީކަރުންގެ ގޮތުގައި މޮލްޑޯވާގެ ކުރީގެ ޑިޖިޓަލައިޒޭޝަން މިނިސްޓަރ އިއުރީ ޓުރްކާނޯ، ސައުތު ކޮރެއާގެ ނޭޝަނަލް އިންފޮމޭޝަން ސޮސައިޓީ އޭޖެންސީގެ ވައިސް ޕްރެޒިޑެންޓް ޔޫން ސިއޮކް ކޯ، އަދި ޔޫކޭގެ ގަވަރމެންޓް ޑިޖިޓަލް ސަރވިސްގެ ކުރީގެ ޕްރޮގްރާމް ޑިރެކްޓަރ ޖެސިކާ މެކްއެވޮއީ ބައިވެރިވެވަޑައިގަންނަވައެވެ.
ސަމިޓުގައި މަޝްވަރާކުރެވޭ މުހިންމު ދާއިރާތައް:
- ޑިޖިޓަލް ޓްރާންސްފޯމޭޝަނަށް ބޭނުންވާ ގަވަރނަންސް އަދި އިދާރީ ކޯޑިނޭޝަން.
- ނޭޝަނަލް ޑޭޓާ އެކްސްޗޭންޖް ޕްލެޓްފޯމް މެދުވެރިކޮށް ރައްކާތެރިކަމާއެކު ޑޭޓާ ބަދަލުކުރުން.
- ރައްޔިތުންނަށް އިސްކަންދޭ (ސިޓިޒަން ސެންޓްރިކް) ޚިދުމަތްތައް ހަރުދަނާކުރުން.
- ޑިޖިޓަލް އައިޑެންޓިޓީ ސިސްޓަމް އަދި އިތުބާރު ހުރި ޑިޖިޓަލް މުޢާމަލާތްތައް މަގުފަހިކުރުން.
- އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) އާއި އާ އީޖާދުތައް ޒިންމާދާރުކަމާއެކު ބޭނުންކުރުން.
- މޯލްޑިވްސް 2.0 ގެ މަގުޗާޓުގައިވާ ކަންކަން ތަންފީޒުކޮށް ތަރައްޤީކުރުން.
މި ސަމިޓަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ރާއްޖެ ޑިޖިޓަލް އިޤްތިޞާދަކަށް ބަދަލުކުރުމަށް ގެންގުޅުއްވާ ތަޞައްވުރު ހަޤީޤަތަކަށް ހެދުމަށް އެޅޭ ވަރަށް މުހިންމު ފިޔަވަޅެއްގެ ގޮތުގައި ސަރުކާރުން ސިފަކުރެއެވެ.

