ސަރުކާރުން ދަރަނި ދެއްކުމަށް ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން ފާއިތުވި 21 ދުވަސްތެރޭ ބޭރުގެ ދަރަނީގެ ގޮތުގައި 924 މިލިޔަން ޑޮލަރު ދައްކާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ދަރަނި ދައްކަމުންދަނީ ސަރުކާރުގެ އެއްވެސް މަސައްކަތެއް ހުއްޓުމަކާ ނުލައި ކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި ގޮތުގައި މިމަހުގެ 21 ދުވަހުގެ ތެރޭގައި ދެއްކި ފައިސާގެ ތެރޭގައި ހިމެނެނީ 2021 ވަނަ އަހަރު އޭރުގެ ސަރުކާރުން ނަގާފައިވާ 500 މިލިޔަން ޑޮލަރުގެ ސުކޫކަށްވާ ފައިސާއާއި، މިއަހަރު އިންޑިއާއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅުގައި ސޮއިކުރެވުނު 400 މިލިޔަން ޑޮލަރުގެ ކަރަންސީ ސްވޮޕް ފެސިލީޓީއެވެ.
“21 ވަރަކަށް ދުވަސްތެރޭގައި އަޅުގަނޑުމެން ބިލިޔަނެއްހާ ޑޮލަރު މިވަނީ ދައްކާފައި. ދަރަނި ދައްކާފައި ރައްޔިތުންނަށް މީގެ އެއްވެސް ކަހަލަ ޑިފޯލްޓެއް ކުރިމަތިވިޔަ ނުދީ އެއްވެސް ހަރުމުދަލެއް، ރަހުނަކާ ނުލައި އޭގެ ބަދަލުގައި ކުރިން ރަހުނުކޮށްފައި ހުރި ތަންތަން މިވަނީ ސަލާމަތްކޮށްފައި،” ރައީސް ވިދާޅުވިއެވެ. އެމަނިކުފާނު އިތުރަށް ވިދާޅުވީ ބޭރުގެ ދަރަނީގެ އިތުރުން އެތެރޭގެ ދަރަނިތައްވެސް ޤަވާއިދުން ދައްކަމުންދާ ކަމަށެވެ.
ސަރުކާރުން ބޭރުގެ ދަރަނިތައް ދެއްކުމުގެ އިތުރުން، ދިވެހި ކުންފުނިތަކުން ކޮށްފައިވާ މަސައްކަތްތަކަށް ނުދައްކާ ހުރި ފައިސާވެސް ދައްކަމުންދާކަން ރައީސް ފާހަގަކުރެއްވިއެވެ. އެގޮތުން ވޭތުވެދިޔަ 6 މަސްދުވަހުގެ ތެރޭގައި 3.3 ބިލިޔަން ރުފިޔާ ކުންފުނިތަކަށް ދައްކާފައިވާ ކަމަށާއި، މިމަހުގެ ބާކީ ދުވަސްތަކުގައި އިތުރު 260 މިލިޔަން ރުފިޔާ ދިވެހި ކުންފުނިތަކަށް ދިނުމަށް ހަމަޖެހިފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވި ގޮތުގައި އެވްރެޖްކޮށް ކޮންމެ ހަފްތާއަކު 700 އެއްހާ ވެންޑަރުންނަށް ފައިސާ ދޫކުރެވެމުންދެއެވެ. މިއީ ރާއްޖޭގެ އެކި މަސައްކަތްތައް ނަގައިގެން ކުރިއަށްގެންދާ ފަރާތްތަކަށް ލިބޭ ބޮޑު ލުޔެއްކަމަށް އެމަނިކުފާނު ސިފަކުރެއްވިއެވެ.
ނޫސްވެރިންގެ ބައްދަލުވުން ނިންމަވާލައްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ސަރުކާރުން މި މަސައްކަތްތައް ކުރަމުންދަނީ އެއްވެސް ކަމަކަށް ދަތިނުވާނެ ގޮތަށް ބަލައިގެން ކަމަށެވެ. އަދި އިތުރު ދަރަންޏެއް ނުނަގައި، ރައްޔިތުންގެ ނަންމަތީގައި ރަހުނުކޮށްފައި ހުރި ތަންތަން މިހާރު މިނިވަންކުރެވެމުންދާ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

