މިއަހަރުގެ އޮގަސްޓް މަސް ނިމުމުގެ ކުރިން ރާއްޖޭގެ ހުރިހާ އަތޮޅަކަށް ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރުޓީއެލް) ފެރީގެ ޚިދުމަތް ފެށިގެން ދާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ ނޫސްވެރިންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.
ދަތުރުފަތުރުގެ ދާއިރާއިން ޚާއްޞަ އިސްކަމެއް ދީގެން ކުރިއަށްގެންދާ މި މަސައްކަތުގެ ދަށުން، މިހާތަނަށް ރާއްޖޭގެ 15 އަތޮޅެއްގައި ވަނީ މި ޚިދުމަތް ފަށާފައެވެ. މިއާއެކު މިހާރު ޖުމްލަ 145 ރަށަކަށް އާރުޓީއެލް ފެރީގެ ޚިދުމަތް ދަނީ ފޯރުކޮށްދެމުންނެވެ. 2022 ވަނަ އަހަރު ފެށި މި ޚިދުމަތް، ކަނޑައަޅާފައިވާ ތާވަލާ އެއްގޮތަށް ކުރިއަށް ގެންދިއުމަށް މި ސަރުކާރުން އަންނަނީ ބޮޑު އިސްކަމެއް ދެމުންނެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އާރުޓީއެލް ޚިދުމަތަކީ ރައްޔިތުންނަށް ވަރަށް މުހިންމު ޚިދުމަތެއް ކަމަށާއި، މިހާރު މި ޚިދުމަތް ނުދެވި ބާކީ އޮތީ ގާތްގަނޑަކަށް 4 އަތޮޅު ކަމަށެވެ. މި މަސައްކަތް އަވަސްކުރުމުގައި ދިމާވާ އެންމެ ބޮޑު ގޮންޖެހުމަކީ ކުންފުނިތަކަށް ދޭންޖެހޭ ފައިސާ ދިނުމުގައި އަންނަ ދަތިތައް ކަމަށްވެސް ރައީސް ފާހަގަކުރެއްވިއެވެ.
މިކަމާ ގުޅޭގޮތުން ރައީސް ވިދާޅުވީ، “އެންމެ އަވަހަށް ޕޭކުރެވޭނެ ގޮތަކަށް އޮންޓައިމް ޕޭކުރެވޭނަމަ މިއަށްވުރެ އަވަހަށް ނިމިފައި ހުންނާނީ ހަޤީގަތުގައި. މިހާރު ގޮއްސަ އޮތް ހިސާބުން އިރާދަކުރެއްވިއްޔާ އެންމެ ލަސްވެގެން ޖުލައި، އޮގަސްޓް އާއި ހިސާބަށް ދާއިރަށް މި ބަލަނީ ބާކީހުރި ހުރިހައި އަތޮޅެއް ކަވަރ ކުރެވޭނެކަމަށް.” މީގެ އިތުރުން ޚިދުމަތް ފަށާފައިވާ އަތޮޅުތަކަށް ބޭނުންވާ އިތުރު ސްޕެއަރ އުޅަނދުތައް ހޯދުމުގެ މަސައްކަތްވެސް ކުރިއަށްދާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މިހާތަނަށް މި ޚިދުމަތް ނުފެށި ހުރީ މ. އަތޮޅުގެ އިތުރުން ޒޯން 3 ގައި ހިމެނޭ ކ. އަތޮޅު، އއ. އަތޮޅު، އދ. އަތޮޅު އަދި ވ. އަތޮޅުގައެވެ. އެންމެ ފަހުން މި ޚިދުމަތް އަލަށް ފަށާފައިވަނީ މިދިޔަ މަހުގެ ތެރޭގައި ލ. އަތޮޅުގައެވެ.

