ސަރުކާރުގެ ސައިޒު ކުޑަކުރުމަށް ސިޔާސީ މުވައްޒަފުން މަދުކުރުމުގެ އިދާރީ މަސައްކަތްތައް ކުރިއަށްދާކަމަށާއި އެ ތަފްސީލުތައް ހާމަކުރަމުން ގެންދާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެ އެވެ. އެމަނިކުފާނު މިފަދައިން ވިދާޅުވީ، މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ނޫސްވެރިންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.
ރައީސް ވިދާޅުވީ، ސަރުކާރުގެ ސިޔާސީ މަގާމުތަކުގެ އަދަދު ކުޑަކުރުމަށް ނިންމި ނިންމުން ވަރަށް ހަރުކަށިކޮށް ތަންފީޒު ކުރައްވާނެ ކަމަށެވެ. އެގޮތުން މިހާރުވެސް ފަސް މިނިސްޓްރީއެއް މަދުކޮށްފައިވާ ކަމަށާއި، ކޮންމެ މިނިސްޓްރީއެއްގައި ތިބޭނެ ސިޔާސީ މުވައްޒަފުންގެ އަދަދު ކަނޑައަޅައި، މުވައްޒަފުން މަދުކުރުމުގެ އިދާރީ މަސައްކަތްތައް ހުއްޓުމެއް ނެތި ކުރިއަށްދާ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވި އެވެ.
“މިހާރުވެސް ނުހުއްޓި ކޮންމެ ދުވަހަކު ކުރިއަށްދޭ އެބަ އެ މަސައްކަތް. އެ ޕްރޮސެސް ނިމުނީމަ ވަރަށް ގިނަ މީހުން ދޫކޮށްލެވޭނެ. އެ ތަފްސީލުތައް މި މަސައްކަތް ނިމުނުހާ އަވަަހަށް ހާމަކުރާނަން. ސަރުކާރުގެ ސައިޒް ކުޑަކުރުމުގެ މަސައްކަތް އެބަ ހިނގާ ވަރަށް ހަލުއި ދުވެލީގައި،” ރައީސް ވިދާޅުވި އެވެ.
މުވައްޒަފުން ވަކިކުރުމުގައި ބަލާނެ މިންގަނޑުތަކާ ބެހޭގޮތުން ރައީސް ވިދާޅުވީ، އެކަން ކުރާނީ “ޕާފޯމެންސް ބޭސްޑް” ކޮށް ކަމަށެވެ. އެގޮތުން ގަޑިއަށް ހާޒިރުވުމާއި، މަސައްކަތުގެ އަހުލާގާއި، މަސައްކަތުގެ ޒިންމާ ބަލާނެ ކަމަށް ރައީސް ވިދާޅުވި އެވެ. މީގެ އިތުރުން، ސަރުކާރުގެ ކެބިނެޓުން ވަކިކުރި ކޮންމެ މިނިސްޓަރަކީ އެ ބޭފުޅެއްގެ މަސައްކަތުގެ ފެންވަރު ދަށްވެގެން ވަކިކުރި ބޭފުޅެއް ނޫން ކަމަށާއި، އެއީ ސަރުކާރުގެ ސައިޒު ކުޑަކުރުމަށް އެޅުއްވި ފިޔަވަޅެއް ކަމަށްވެސް އެމަނިކުފާނު ވިދާޅުވި އެވެ.
ރައީސް އިތުރަށް ވިދާޅުވީ، “ކޮންމެ ބޭފުޅަކު ވަކިކުރީކީ ޕާފޯމަންސް ދަށްވެގެންނެއް ނޫން. ހަމަ ވަރަށް ރަނގަޅަށް މަސައްކަތް ކުރި ބޭފުޅުންވެސް އެބަ ތިބި. އެހެންނަމަވެސް ސަރުކާރުގެ ސައިޒު ކުޑަކޮށް، ސަރުކާރު މަސައްކަތް ކުރަމުންދާ ގޮތް ބަދަލުކުރުމަށްޓަކައި އަޅުގަނޑު ނިންމި ބަދަލުތަކެއް އެއީ،” ކަމަށެވެ.
ސަރުކާރުގެ ސިޔާސީ މުވައްޒަފުންގެ އަދަދު ވަރަށް ބޮޑަށް މަދުކޮށް ސަރުކާރުގެ ހިންގުން ހަރުދަނާ ކުރައްވާނެކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ވަނީ މި ބައްދަލުވުމުގައި ރައްޔިތުންނަށް ދެއްވާފަ އެވެ.

