ރާއްޖޭގައި ހިންގާ އޮންލައިން ނޫހެއް ކަމަށްވާ "އަދަދު" ނޫހުގެ އޮފީހަށް ފުލުހުން ވަދެ، އެ ތަން ބަލާފާސްކުރުމުގެ މަސައްކަތް މިރޭ ފަށައިފިއެވެ.
އަދަދު ނޫހުން މައުލޫމާތު ދީފައިވާ ގޮތުގައި، ފުލުހުން އެ އޮފީސް ބަލާފާސްކުރަމުންދަނީ އެ ނޫހުން ތައްޔާރުކޮށް އާންމުކުރި "އައިޝާ" ނަމަކަށް ކިޔާ ޑޮކިއުމެންޓްރީއަކާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުންނެވެ. މި އޮޕަރޭޝަނާ ގުޅޭގޮތުން ފުލުހުންގެ ރަސްމީ ބަހެއް އަދި މިހާތަނަށް ލިބިފައެއް ނުވެއެވެ.
"އަދަދު" ނޫހުގެ އޮފީސް ބަލާފާސްކުރުމަށް ފުލުހުން ހޯދާފައިވާ ކޯޓު އަމުރުގައި، އެ އޮފީހުން ސީދާ ހޯދަން ބޭނުންވަނީ ކޮން އެއްޗެއްކަން ސާފުކޮށް ބަޔާންކޮށްފައި ނުވާ ކަމަށް އެ ނޫހުގެ ބައެއް ނޫސްވެރިން ވަނީ ބުނެފައެވެ. ނަމަވެސް، ބެލެވޭ ގޮތުގައި ފުލުހުން އެ ތަނުގައި ހަރަކާތްތެރިވަމުންދަނީ އެ ޑޮކިއުމަންޓްރީއާ ގުޅުންހުރި ހެކިތަކެއް ހޯދުމަށެވެ.
މި އޮޕަރޭޝަން އަދިވެސް ކުރިއަށްދާއިރު، މިއީ ފަހުގެ ތާރީޚެއްގައި ނޫހެއްގެ އޮފީހަށް ފުލުހުން ވަދެ ބަލާފާސްކުރި ފުރަތަމަ ފަހަރެވެ.
މި ޑޮކިއުމެންޓްރީއާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވަނީ ވާހަކަފުޅު ދައްކަވާފައެވެ. ރައީސް ވިދާޅުވީ އެ ޑޮކިއުމެންޓްރީގައި އެ މަނިކުފާނަށް އަމާޒުކޮށްފައިވާ ތުހުމަތުތަކަކީ "ކަނޑައެޅިގެން ދޮގު" ވާހަކަތަކެއް ކަމަށެވެ.
މީގެ އިތުރުން، އެ ޑޮކިއުމެންޓްރީގައި ހިމަނާފައިވަނީ އަޚުލާޤީ ގޮތުން ދަށް އަމަލުތަކެއް ހިންގި ކަމަށް ބުނެ އުފައްދާފައިވާ ދޮގު ވާހަކަތަކެއް ކަމަށް ރައީސް ފާހަގަކުރެއްވިއެވެ. އެހެންކަމުން އެ މައްސަލަ ބަލައި، އެފަދަ ވާހަކަތައް ދެއްކި ހުރިހާ ފަރާތްތަކަށް ދައުވާކޮށްދިނުމަށް ކަމާބެހޭ ފަރާތްތަކުގައި އެދިވަޑައިގަންނަވާނެ ކަމަށްވެސް ރައީސް މުއިއްޒު މިއަދު ވަނީ ވިދާޅުވެފައެވެ.
ފުލުހުން އަދަދު ނޫހުގެ އޮފީހަށް ވަދެފައި މިވަނީ ރައީސްގެ މި ވާހަކަފުޅުތަކަށް ފަހު، އެ މައްސަލައިގެ ތަހުގީގު ކުރިއަށްދާ ދަނޑިވަޅެއްގައެވެ.
ދާދި ދެންމެއަކު ފުލުހުން މީޑިއާ ގްރޫޕަށް ފޮނުވި މެސެޖެއްގައި ބުނީ ފުލުހުން ބަލަމުންދާ މައްސަލައަކާ ގުޅިގެން، އަދަދު ނޫހުގެ އޮފީސް ކޯޓު އަމުރެއްގެ ދަށުން ދަނީ ބަލައި ފާސް ކުރަމުންދާކަމަށެވެ.

