ބަލިމީހުންނަށް ބޭނުންވާ ބޭސް ފޯރުކޮށްދިނުމުގައި ދިމާވާ ދަތިތަކާއި މައްސަލަތައް، ސަރުކާރުގެ ބޭސް ކުންފުނީގެ އެހީގައި ހައްލުކުރުމަކީ މި ސަރުކާރުގެ މުހިއްމު އަމާޒެއް ކަމަށް ސިއްޙަތާއި އާޢިލާއާއި އިޖުތިމާޢީ އެހީއާބެހޭ ވަޒީރު ޤީލާ ޢަލީ ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ ޕީއެސްއެމް ނިއުސްގެ “ރާއްޖެމިއަދު” ޕްރޮގްރާމުގައި ވާހަކަފުޅުދައްކަވަމުންނެވެ.
ވަޒީރު ޤީލާ ވިދާޅުވި ގޮތުގައި ރާއްޖެއަށް ބޭނުންވާ ބޭހުގެ ތެރެއިން އެސްޓީއޯއިން ފޯރުކޮށްދެނީ އެންމެ 30 އިންސައްތަ ބޭހެވެ. ބާކީ 70 އިންސައްތަ ބޭސް ފޯރުކޮށްދެމުންދަނީ އަމިއްލަ ކުންފުނިތަކުން ކަމަށްވާއިރު، ރާއްޖެއަށް ބޭނުންވާ ބޭހުގެ ނިސްބަތަކީ ކުޑަ މިންވަރެއް ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ. އެހެންކަމުން، އެއް ބޭހެއް ތިން ހަތަރު ވިޔަފާރިއަކުން ގެނައުމަކީ ދަތި ކަމެއް ކަމަށާއި، ބޭނުންވާ އަދަދަށް ބޭސް ލިބޭނެ ގޮތް ހެދޭނީ އެއް ބަޔަކު އެކަމުގެ ތެރޭގައި އުޅެގެން ކަމަށް ވަޒީރު ވިދާޅުވިއެވެ.
ބޭހުގެ އަގު ކޮންޓްރޯލް ކުރުމަށް ކުރެވޭ މަސައްކަތްތަކާ ގުޅޭގޮތުން ވަޒީރު ވިދާޅުވީ، “އަޅުގަނޑުމެންގެ އަވަށްޓެރި ޤައުމުތަކާ އެކުގައި ސްޓޭޓް ފާމާ ކޮންޕެނީއިން އެބަ މަސައްކަތްތަކެއް ކުރަމުންގެންދޭ. ބޭހުގެ އަގު ކޮންޓްރޯލްކުރުމަށް ނޫނީ ބޭހުގެ އަގު، އޭގެ ޕްރޮފިޓް މާޖިން ވަރަށް ބޮޑަށް މަތިކޮށް ބޭސް ވިއްކުން ހުއްޓުވުމަށްޓަކައި އާސަންދައިން މަސައްކަތްތަކެއް ކުރަމުން އެބަގެންދޭ. އޭގެ މިނިމަލް ރީޓެއިލް ޕްރައިސް ކަނޑައަޅާ އޭގެ އަގު ކޮންޓްރޯލް ކުރުމަށްޓަކައި” ކަމަށެވެ.
ސިއްޙީ ނިޒާމުގައި އާންމުންގެ އެންމެ ބޮޑު ޝަކުވާއަކަށް ވެފައިވަނީ ބޭސް ލިބުމުގެ ދަތިކަމާއި އަގު ބޮޑުވުމުގެ މައްސަލައެވެ. މީގެ ތެރޭގައި ރަށްރަށުގެ ބޭސް ސްޓޮކް ހުސްވުމާއި، މާލެއިންވެސް މުހިއްމު ބޭސްތައް ނުލިބިގެން ޑޮކްޓަރުން ލިޔެދޭ ބޭސް ބަދަލުކުރަން ޖެހުން ހިމެނެއެވެ. ވަޒީރު ވިދާޅުވީ ސަރުކާރުގެ އުއްމީދަކީ ބޭސް ކުންފުނީގެ ޤާބިލްކަން އިތުރުކޮށް، ބޭނުންވާ މިންވަރަށް ބޭސް އެތެރެކޮށް، އަތޮޅުތަކުގެ އެސްޓީއޯ ފާމަސީތަކުންވެސް ފަސޭހައިން ބޭސް ލިބޭނެ އިންތިޒާމް ހަމަޖެއްސުން ކަމަށެވެ.
ބޭހުގެ މައްސަލަތަކަށް ދާއިމީ ހައްލެއް ހޯދުމަށްޓަކައި ސަރުކާރުން ދައުލަތުގެ ބޭސް ކުންފުނި އުފައްދާފައިވަނީ 2025 ވަނަ އަހަރުގައެވެ. އެ ކުންފުނިން މިހާރު ވަނީ ބޭހުގެ ފުރަތަމަ ޝިޕްމަންޓް ރާއްޖެއަށް ގެނެސް، ބޭސް ފޯރުކޮށްދިނުމުގެ މަސައްކަތް ފަށާފައެވެ. މިއީ ސިއްޙީ ދާއިރާ ހަރުދަނާކުރުމަށް ސަރުކާރުން އަޅަމުންދާ މުހިއްމު ފިޔަވަޅެއްގެ ގޮތުގައި ވަޒީރު ފާހަގަކުރެއްވިއެވެ.

